ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، "އިންޓާނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ، ކޮންފަރެންސްގެ ބައިވެރިންނަށް ލިބުނު މައުލޫމާތުގެ ސަބަބުން ސިއްހީ ދާއިރާގައި ހިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދިޔުމަށް ފަޒްނާ ބާރުއެޅުއްވިއެވެ.

ފަޒްނާ ވަނީ، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑާޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި، ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ކަންކަން ނިންމުމުގެ ފައިދާތައް ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ފަޒްނާ ވަނީ ގޮވާލައްވާފައެވެ.

މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިއްހީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.