ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ނުވަތަ ސިއްހީ ހާލުކޮޅު ސްޓޭބަލް ނޫން ކަމަށް ބުނާ ޖާސޫސީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ޑައިރެކްޓާ ވިލިއަމް ބާންސް ވިދާޅުވެއްޖެއެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގައި ވަރުގަދަ ހަނގުރާމައެއް ކުރައްވަމުން ގެންދަވާ ޕޫޓިންގެ ސިއްހީ ހާލުކޮޅު މާ ރަނގަޅު ނޫން ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް ދައުރުވަމުން ދާ ދަނޑިވަޅެކެވެ.

މި އަހަރު އުމުރުފުޅުން 70 އަހަރު ފުރޭ ޕޫޓިން ތަހައްމަލު ކުރައްވަމުން ގެންދަވަނީ ކެންސަރުގެ އާލާސްކަންފުޅެއް ކަމަށް، ކަށަވަރު ނުކުރެވޭ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކަމަށް ބާރު ދޭ ޖާސޫސީ ހެއްކެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، ހަޖޫ ޖެއްސެވުމުގެ ރޫހުގައި ބާންސް ވަނީ، ޕޫޓިންގެ ސިއްހީ ހާލުކޮޅު "މާ ބޮޑަށްވެސް ދުޅަހެޔޮ" ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެއީ ފުރިހަމަ ޖާސޫސީ މައުލޫމާތުން ނިންމެވި ނޫން ކަމަށްވެސް ބާންސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ރަޝިއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ކަމުގެ މަގާމުވެސް އަދާ ކުރައްވާފައި ވާ ބާންސް ވިދާޅުވީ، ރަޝިއާގެ ލީޑަރުގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.

ބާންސް ވަނީ ރަޝިއާއިން ޔޫކްރައިންއަށް އަރާ އެ ގައުމު ހިފައިފިނަމަ ނުކުމެދާނެ ނަތީޖާތަކާ މެދު ރަޝިއާއަށް އިންޒާރު ދެއްވުމުގެ މަގުސަދުގައި، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރަޝިއާއަށް ދަތުރުކުރައްވާފައެވެ. އެމެރިކާއިން އޭރު އެ ފިޔަވަޅު އެޅީ ލިބިފައިވާ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބުނާ ކޮށެވެ.

އެމެރިކާއިން އަންދާޒާ ކުރާ ގޮތުގައި ޔޫކްރައިން ހަނގުރާމާގައި ރަޝިއާއިން މަރުވި މީހުންގެ އަދަދު، 15000 އަށް އަރާނެއެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު 45000 އަށް އަރާނެއެވެ. ބާންސް ވަނީ ޔޫކްރައިނުން މަރުވި މީހުންގެ އަދަދު އެއަށްވުރެ މަދުވާނެ ކަމަށް އަންދާޒާ ކުރައްވާފައެވެ.

ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް، އެ ގައުމުގައި ހަނގުރާމަ ކުރަމުން ދާތާ 5 މަސްދުވަސް ވެފައި ވާ އިރު، މިއިން ދުވަހަކު ހަނގުރާމަ ހުއްޓިދާނެ ކަމުގެ ފެހި ސިގުނަލެއް އަދި ފެންނާކަށް ނެތެވެ.