ސްޓްރީމިންގްގެ ދުނިޔޭގެ ރަސްގެފާނުގެ ގޮތުގައި އެތައް އަހަރެއް ހޭދަ ކޮށްފައި ވާ ނެޓްފްލިކްސްއަށް އެ ތާޖު ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މި ފަހަކަށް އައިސް ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކާ މީހުންގެ އަދަދު އިންތިހާއަށް ދަށަށް ދާން ފަށާފައި ވާ އިރު، މި އަހަރުގެ އޭޕްރިލްއާއި ޖުލައި މަހާ ދެމެދު މިވީ މުއްދަތުގެ ތެރޭގައި އެކަނިވެސް މިލިއަނެއްހާ ކަސްޓަމަރުން ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ނެޓްފްލިކްސްއިން ކުރިން އަންދާޒާ ކުރި ވަރަށް ދަށް ވެއްޓުމެކެވެ.
ނެޓްފްލިކްސްގެ ކަސްޓަމަރުން ދަށްވާ މިންވަރަށް މަދުވެފައި ވަނީ ކީއްވެތޯ މީޑިއާއިން ސުވާލު ކުރުމުން، ނެޓްފްލިކްސްގެ ޗީފް އެގްޒެކެޓިވް ރީޑް ހޭސްޓިންގްސް އިޝާރާތް ކުރީ މަޝްހޫރު ސީރީޒް "ސްޓްރޭންޖާ ތިންގްސް" އަށެވެ.
"ސްޓްރޭންޖާ ދިންގްސް"ގެ އާ ސީޒަން ރިލީޒް ކޮށްފައި ވާ އިރު، އާދަޔާ ހިލާފު ބޮޑު މަގުބޫލު ކަމެއް ވަނީ ހޯދާފައެވެ. ނެޓްފްލިކްސް ދޫކޮށް ދިއުމުގެ ބަދަލުގައި، ކޮންމެވެސް ވަރަކަށް ކަސްޓަމަރުން ހިފަހައްޓާލި ސަބަބަކީވެސް އެއީ ކަމުގައި ވެދާނެއެވެ.
އޭޕްރިލް 2011 އަށް ފަހު، އެ ކުންފުންޏަށް ފުރަތަމަ ފަހަރަށް ކަސްޓަމަރުން ގެއްލިގެން ރިޕޯޓް ކުރީ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެ ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވެއެވެ.
ނެޓްފްލިކްސްގެ ވާދަވެރިންވެސް މައިދާނުގައި ކުރި ހޯދަމުން އަންނަ އިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ދިއުމުގެ ނޭދެވޭ އަސަރު ދަނީ ފޯރަމުންނެވެ.
ނެޓްފްލިކްސްއަށް މިލިއަނެއްހާ ކަސްޓަމަރުން ގެއްލިފައި ވާ ކަމަށް އަންގާރަ ދުވަހު ކުރި ރިޕޯޓަކީ ކުންފުނީގެ ތާރީހުގައިވެސް އާންމު ކުރި އެފަދަ އެންމެ ބޮޑު އަދަދެވެ. އެންމެ ގިނަ އަދަދަކަށް ކަސްޓަމަރުން ގެއްލިފައި ވަނީ އެމެރިކާއާއި ކެނެޑާއިންނެވެ. އެއަށް ފަހު ވިލާތު ސަރަހައްދުންނެވެ.