ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ އިންޑިއާގެ އޮފިޝަލެއް ކަމަށްވާ ޕޫޖާ ޝިންގާލްއާއެކު އެ ގައުމުގެ ހޯމް މިނިސްޓަރު އަމީތު ޝާހް ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރި މައްސަލާގައި ބޮލީވުޑްގެ ފިލްމުތައް އުފައްދަމުން އަންނަ އަވިނާޝް ދާސް ހައްޔަރު ކޮށްފިއެވެ.
މަނީ ލޯންޑަރިންގްގެ ތުހުމަތުގައި ޝިންގާލް ހައްޔަރު ކުރީ މެއި 2022ގައެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރު ކުރެއެވެ.
ދާސްއަކީ ސޯޝަލް މީޑިއާ ޕޯސްޓުތަކާ ގުޅިގެން އިންޑިއާއިން ހައްޔަރު ކުރަމުން އަންނަ މީހުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ނަމެވެ. ހުސްވި މަހު، އިންޑިއާގެ ފުލުހުން ވަނީ، ފެކްޓް-ޗެކާ ނޫސްވެރިޔާ މުޙައްމަދު ޒުބައިރު، 2018 ވަނަ އަހަރު ކުރި ޓްވީޓަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައެވެ.
އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށް ވާ ގުޖުރާތުގެ ފުލުހުން، ދާސްއާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައި ވަނީ، އޭނާގެ ޕޯސްޓު އަމާޒު ކޮށްފައި ވަނީ މީހުންނަށް ހަގީގަތް އޮޅުވާލާ، އަމީތު ޝާހްގެ އަބުރު ކިލަނބު ކުރުމުގެ މަގުސަދަށް ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ގައުމީ ދިދައިން ހެދުން އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ ފޭސްބުކްއާއި އިންސްޓަގްރާމްއަށް ދޫކޮށްލި މައްސަލައެއްގައިވެސް ފުލުހުން ވަނީ ދާސްއާ ދެކޮޅަށް ދައުވާ އުފުލާފައެވެ. އިންޑިއާގެ ގައުމީ ދިދަ، ހެދުމެއްގެ ގޮތުގައި ބޭނުން ކުރުމަށް އެ ގައުމުގެ ގާނޫނު އަސާސީއިން ހުއްދައެއް ނުދެއެވެ.
ދާސް ހައްޔަރު ކޮށްފައި ވަނީ އިންޑިއާގެ ފިލްމް ސިޓީ ނުވަތަ މުމްބާއީއިންވެ.
އޭނާ ހައްޔަރު ކުރަން އުޅޭ ކަމަށް ބަލާ، ދާސް ވަނީ ހައްޔަރު ކުރުމުގެ ކުރިން، ކަފާލާތުގެ ދަށުން މިނިވަންކަން ހޯދުމަށް އެދި ގުޖުރާތުގެ ހައި ކޯޓަށް ގޮސްފައެވެ. ނަމަވެސް ކޯޓުން ވަނީ މައްސަލަ ބޭރު ކޮށްލާފައެވެ. ދާސް ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.
ބޮލީވުޑް ސިނާއަތުގައި ދާސް ކޮށްފައި ވާ ބައެއް މަސައްކަތްތަކަށް ބަލާ އިރު "އަނާރްކަލީ އޮފް އާރާ" އައި ނެޓްފްލިކްސްގެ ސީރީޒް "ޝީ" ހިމެނެއެވެ.