ބާރު ސްޕީޑްގައި ދުއްވާފައި ދާ ކާރެއް އެކްސިޑެންޓް ވާ ހިނދު، އޭގައި ތިބޭ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެކައްޗަކީ އެއާބޭގްއެވެ. ސީޓްބެލްޓަށް ފަހު ކާރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރި، އެންމެ މުހިންމު އީޖާދަކީވެސް އެއީ ކަމުގައި އިއްތިފާގުވެވެއެވެ.

ކަން މިހެން އޮތް އިރު، މި އަހަރު ފަހުކޮޅުން ފަށައިގެން އިންޑިއާގައި އުފައްދާ ހުރިހާ ކާރެއްގައި 6 އެއާބޭގް ހުންނަން ޖެހޭނެ ކަމަށް އިންޑިއާ ސަރުކާރުން އެކުލަވާލި ޕްލޭނަށް، އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކާރު އުފައްދާ ކުންފުނިން ދެކޮޅު ހަދަނީ ކީއްވެ ހެއްޔެވެ؟

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ ކޮންމެ 10 މީހަކުން 1 އަކީ އިންޑިއާއިން ރިޕޯޓް ކުރާ ކޭހެކެވެ.

ކާރުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކްރޭޝް ޓެސްޓު ހަދާ / ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ނަމަވެސް، ޖަޕާނުގެ ސުޒުކީ މޮޓޯ ކޯޕަރޭޝަނުން އިންޑިއާގައި ހިންގާ މަރޫޓީ ސުޒުކީއިން ބުނަމުން ދަނީ އިތުރު އެއާބޭގް ހަރުކުރުމަކީ، ކާރުތައް އުފައްދަން ކުރާ ހަރަދު ބޮޑުވެ، ކުޑަ ބާޒާރަކަށް ގެއްލުންތަކާ ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. މަރޫޓީ ސުޒުކީގެ ޗެއާމަން، އާރްސީ ބަރްގާވާ ވިދާޅުވީ، އެކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އަގުބޮޑެތި ކާރުތައް ގަނެވޭނެ ފެންވަރު ނެތް، ފަގީރުންނަށް ކަމަށެވެ.

އިންޑިއާގެ އަދުގެ ގަވައިދުތަކަށް ބަލާއިރު ކޮންމެ ކާރެއްގައިވެސް އެންމެ މަދުވެގެން 2 އެއާބޭގް ހުންނަންޖެހެއެވެ. އެއީ ޑްރައިވަރާއި ކުރިމަތީ ސީޓަށް އަރާ ފަސެންޖަރުގެ ރައްކަލަކަށެވެ. އަންދާޒާތަކަށް ބަލާއިރު އިތުރު 4 އެއާބޭގް ހަރު ކުރުމުން، އަގަށް 230 ޑޮލަރު އިތުރުވެއެވެ. އިންޑިއާގެ އާބާދީއަށް ބަލާއިރު ކާރެއް އޮންނަނީ އެންމެ 8 ޕަސެންޓް ގޭބިސީގައެވެ. ކާރެއް ހޯދަން އެންމެ ފުރަތަމަ ކުރަން ޖެހޭ ހޭދައަށް ބަލާއިރު 4250 ޑޮލަރު ހޭދަ ކުރަން ޖެހޭ ކަމަށާ، އެއީ ބޮޑު އަދަދެއް ކަމަށް ބަރްގާވާ ފާހަގަ ކުރައްވައެވެ.

މިދިޔަ އަހަރު އިންޑިއާއިން ވަނީ 3 މިލިއަނަށްވުރެ ގިނަ ޕެސެންޖާ ކާރު ވިއްކާފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ވިއްކާ އުޅަނދުފަހަރުގައި އިންޑިއާއިން ހިއްސާ ކުރަނީ އެންމެ 1 ޕަސެންޓްގެ އުޅަނދުތައް ކަމުގައި ވީ ނަމަވެސް، މަގުމަތީގެ އެކްސިޑެންޓްތަކުގައި ފުރާނަ ގެއްލިދާ ނިސްބަތުން އިންޑިއާ ހިއްސާ ކުރަނީ 10 ޕަސެންޓްއެވެ. 2020 ވަނަ އަހަރު، މަގުމަތީގެ އެކްސިޑެންޓްތަކުގައި 130000 މީހެއްގެ ފުރާނަ ގެއްލުނެވެ. 70 ޕަސެންޓް ހިއްސާ ކުރީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 3 ޕަސެންޓް ގެއްލެނީ ކާރު އެކްސިޑެންޓްތަކުގައެވެ.

އިންޑިއާއިން އަމާޒު ހިފާފައި ވަނީ 2025 ވަނަ އަހަރު އަންނަ އިރު، މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ނިސްބަތް، 2 ބައިކުޅަ 1 ބައި މަދު ކުރުމަށެވެ.

އިންޑިއާގައި ބޭނުން ކުރާ ކުދި ކާރުތަކުގެ ތެރެއިން 5 ވައްތަރެއްގެ ކާރު ވަނީ ކްރޭޝް ޓެސްޓުން ފެއިލް ވެފަ / ފައިލް ފޮޓޯ: ގްލޯބަލްއެންކެޕް

އެކަން ވާން އަންނަނީ ކާރުތަކުގެ ރައްކާތެރިކަމުގެ ފީޗާތައް ވަރުގަދަ ކޮށްގެންނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ، އިންޑިއާގެ ކާރުތައް ރައްކާތެރި ތޯ ކުރެވޭ ސުވާލެވެ.

ކާރުތަކުގެ ރައްކާތެރިކަމަށް ފާރަވެރިވާ ގްލޯބަލްއެންކެޕްއިން ކުރަހާލި ތަސްވީރުން ދެނީ ތަފާތު މެސެޖެވެ.

އިންޑިއާގައި އުފައްދާ ކާރުތައް ޓެސްޓު ކުރުމުގެ މަސައްކަތް 2014 ވަނަ އަހަރު ފެށިއިރު، އިންޑިއާގައި އެންމެ އާންމުކޮށް ބޭނުން ކުރާ ކުދި ކާރުތަކުގެ ތެރެއިން 5 ވައްތަރެއްގެ ކާރު ވަނީ ކްރޭޝް ޓެސްޓުން ފެއިލްވެފައެވެ. އޭގެ ތެރޭގައި، ޓާޓާ، ފޯޑް، ވޯކްސްވެގަން އަދި ހިޔުންޑާއި ހިމެނެއެވެ.

އޭގެ ފަހުން 50 މޮޑެލްއެއްގެ ކާރު ޓެސްޓު ކުރިއެވެ. އަދި އެންމެ ރައްކާތެރި ކަމަށް ކަނޑައެޅި މޮޑެލްތަކުގެ ތެރޭގައި ޓާޓާއި މަހިންދްރާ މޮޑެލްގެ ކާރުތައް ހިމެނެއެވެ. އެންމެ ފުރިހަމަ ނުވި ކަމުގައި ވީ ނަމަވެސް، މީގެ އަހަރުތަކެއް ކުރިއާ އަޅާ ބަލާއިރު އިންޑިއާގެ ކާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން މިހާރު ވަނީ ރަނގަޅު ފެންވަރަކަށް އަޕްގްރޭޑްކޮށްފައެވެ. ނަމަވެސް އެންމެ ފުރިހަމައަށް ރައްކާތެރިކަން ކަށަވަރު ވާން އަންނަނީ ކާރު ދުއްވާ މީހުންނާއި މަގުމަތި ބޭނުން ކުރާ ފަރާތްތަކުން، ގަވައިދަށް ހުރުމަތްތެރިކޮށް ހިތައިގެންކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.