ޗާންދަނީ މަގު ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއިލް ސަމީމް، (29އ) އެވެ.
ފުލުހުން ބުނީ ސަމީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށެވެ.
ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް، ގެއްލުން ދިނުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކުން ކަރަންޓު ކެނޑުނެވެ. މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން އެމްޑީޕީ ޖަގަހައިން ވެސް ކަރަންޓު ކެނޑިފައިވާއިރު އެރޭ އެ ޕާޓީން ދިޔައީ ހަރުގޭގައި ކުއްލި އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެންމެ ފުރަތަމަ މިކަމަކީ ބަޔަކު ގަސްދުގައި ކުރިކަމެއްގެ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވާއިރު މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މާލެ ސަރަހައްދުގައި ކަރަންޓު ކޭބަލްތައް ވަގަށް ނެގުމަކީ އާންމުކަމަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭކަމުގެ ޝަކުވާތައްވެސް ގިނައެވެ.