އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭންކަނޑައަޅުއްވައިގެން ވަށާޖެހޭގޮތެއްގައިކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ އަދި ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މިފަހަރުގެ މައުރަޒަށް ބައްލަވައިލެއްވުމުންވެސް، އޭގެ ކުރިން އެކަން ހާސިލްކުރެވޭނެކަމަށް ބެލެވޭކަމުގައި ރައީސް ވިދާޅުވިއެވެ.
އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މި މައުރަޒުގެ މަގްސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު އަލުން މައުރަޒު ހުޅުވާލުމަކީ ފެށުމެއްކަމުގައި ވިދާޅުވެ މި ފެށުން ރައްޔިތުން ބަލައިގެންފައިވާ މިންވަރު، މައުރަޒަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި އަމިއްލަ މުއްސަދިކަމާ، މުޅި ޤައުމުގެ މުއްސަދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރުދުވަހުއެވެ.