ގޭންގުތަކުން ހިންގާ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށް ލެވޭ ގޮތަށާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގުތަކާ ބެހޭ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. ރައީސް މިއަދު މި ބިލު ތަސްދީގުކުރެއްވުމާ އެކު މި ބިލު ވަނީ ގާނޫނަކަށް ވެފައެވެ. އެހެންކަމުން މި ގާނޫނުގައިވާ ގޮތުން، މާރާމާރީ ހިންގައިގެން މީހަކު މަރުވެއްޖެ ނަމަ، މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމާ އެކު، ތިން މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރަން ޖެހޭނެއެވެ.

މީގެ އިތުރުން މި ގާނޫނުގައިވާ ގޮތުން:

  • މީހަކަށް ބިރު ދައްކައިފިނަމަ، 10 އަހަރުގެ ޖަލު ހުކުމަކާ އެކު ބައިމިލިއަން ރުފިޔާ އާއި 750،000ރ ގެ ދެމެދުގެ އަދަދަކުން ޖޫރިމަނާއެއް އަންނާނެ
  • މީހަކު ވަގަށް ނަގައިފިނަމަ، 15 އަހަރުގެ ޖަލު ހުކުމަކާ އެކު އެއް މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
  • މާރާމާރީ ހިންގައިގެން މީހަކު މަރުނުވާ ހާލަތުގައި 20 އަހަރުގެ ޖަލު ހުކުމަކާ އެކު ދެ ލައްކަ އާއި ހަތް މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ

މި ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ގޭންގުތަކުގެ ގޮތުގައި ބަލަނީ ޖިނާއީ ކުށެއް ނުވަތަ ގިނަ ކުށް ކުރުމަށް ނުވަތަ ކުށްކޮށްގެން މަންފާ ހޯދުމަށް ގުޅިގެން މަސައްކަތްކުރާ ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕްތަކެވެ. ގާނޫނުގައިވާ ގޮތުން މިފަދަ ގްރޫޕެއް އުފައްދައި ހިންގަމުން ދާ ނަމަ އަދަބަކީ އުމުރަށް ޖަލަށް ލައި ތިން މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

އަދި މި ގްރޫޕްތަކުން ކުށްކުރަން ބޭނުންކުރާ ތަންތަނުގެ ވެރިފަރާތްތައް ފަސް އަހަރަށް ޖަލަށް ލައި ތިން ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މި ގާނޫނުން ލިބިދެއެވެ.

މި ގާނޫނު ވުޖޫދުވުމާ އެކު، ކޯޓު އަމުރަކާ ނުލާ ވެސް ފުލުހުންނަށް ބައެއް ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިދީފައިވެއެވެ. އެ ބާރުތަކުގެ ތެރޭ ހިމެނެނީ:

  • ބޮޑެތި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާއެކު އެކަހެރި ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުގެ ބާރު
  • އެފަދަ ކުށް ކުރާ މީހުން ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުދިނުމުގެ ބާރު
  • ބޮޑެތި ކުށުގެ ތުހުމަތުވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ސަބަބު ހުރެއްޖެ ނަމަ ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރުމުގެ ބާރު
  • ކޯޓު އަމުރަކާ ނުލާ ކުށުގެ ތުހުމަތުވާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު