ވިލާތުގެ އެކި ގައުމުތަކަށް ކުރިމަތިލާން ޖެހިފައި ވާ އާދަޔާ ހިލާފު ގަދަ ހޫނަށް، މިއަދުވެސް ފިނިކަމެއް ލިބެން ނެތް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ފިނިހޫނުމިން މިއަދުވެސް އާދަޔާ ހިލާފަށް މައްޗަށް ދާނެ ކަމަށް އިންޒާރު ކޮށްފައި ވާ އިރު، ހޯމަ ދުވަހު ސްޕެއިންގެ ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރައިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން، ފަރަންސޭސިވިލާތް، ޕޯޗުގަލް، ސްޕެއިން އަދި ގްރީސްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވަމުން ދާ އިރު، އެތައް ހާސް ބަޔަކަށް ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށްވެސް މަޖުބޫރުވެފައެވެ.

ފަރަންސޭސިވިލާތުގެ ފިނިހޫނުމިން، 42 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. ފަރަންސޭސިވިލާތުގެ ފަތުރުވެރި މަންޒިލެއް ކަމަށް ވާ ޖިޣޯންދޭއަށް ބޮޑު އަސަރެއް ކޮށްފައި ވާ އިރު، މިދިޔަ އަންގާރަ ދުވަހުން ފަށައިގެން އެކަނިވެސް 15000 ހެކްޓަރު ބިން އަނދާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވީ ދުވަސްތަކަށް ބަލާއިރު، ގަދަ ހޫނުގެ ސަބަބުން ސްޕެއިންއާއި ޕޯޗުގަލްއިން ރިޕޯޓް ކުރި މަރުގެ ކޭސްތަކުގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާފައި ވާ ކަމަށް ހަބަރު ލިބެއެވެ. މިދިޔަ ބުރާސްފަތި ދުވަހު، ޕޯޗުގަލްގެ ފިނިހޫނު މިން، 47 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ހަބަރު ލިބެއެވެ.

އިނގިރޭސިވިލާތަށް ބަލާއިރު، ހޯމަ ދުވަހަކީ އާދަޔާ ހިލާފަށް ހޫނު ގަދަވި ކަމަށް ރެކޯޑްތަކުން ދައްކާ ދުވެހެކެވެ. އިރުމަތީ އިންގްލަންޑް ސަރަހައްދުގެ ފިނިހޫނު މިން 38.1 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ރެކޯޑް ކޮށްފައި ވާ އިރު، މިއަދު 40 ޑިގްރީ ސެލްސިއަސްއަށް އެރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ މުޅި ގައުމަށް ބަލާއިރުވެސް ރެކޯޑެކަށް ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ވިލާތަށް މިހާރު ކުރިމަތި ވަމުންދާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް، ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ދިވެހި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

ހޫނު ގަދަވެގެން ރަންވޭއަށް މައްސަލައެއް ދިމާވެގެން، ލަންޑަން ލޫޓަން އެއާޕޯޓުން ކުރަން ހަމަޖައްސާފައިވާ ބައެއް ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ކަން މިހެން އޮތް އިރު، މޫސުން ކުރިއަށް ލަފާ ކުރާ ފަރާތްތަކުން ވަނީ، ވިލާތަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ރާޅު، އުތުރަށް މިސްރާބު ޖަހާފައި ވާ ކަން ހާމަ ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި، ބެލްޖިއަމް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުގެ ފިނިހޫނު މިން 40 ޑިގްރީ ސެލްސިއަސްއަށް އެރުން އެކަށީގެން ވާ ކަމަށް ވަނީ ލަފާ ކޮށްފައެވެ.