ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ތޮއްޑޫއަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެތް އޮފީހުން އާންމުކުރި 24 ގަޑިއިރު ވާރޭ ރެކޯޓްކުރެވިފައިވާ ރަށްތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ތޮއްޑޫއަށް 147 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށެވެ. މިގޮތުން ހުޅުލެއަށް 139 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައި ވަނީ ކ. ގުރައިދޫއަށެވެ. އެރަށަށް ވަނީ 74 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވަނީ ސ. ގަމަށެވެ. އެއީ ނޮވެމްބަރު 24، 2015ގައި 228 މިލިމީޓަރުގެ ވާރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އަންނަނީ އެލާޓުތައް ނެރެމުންނެވެ. މިގޮތުން މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 2:45 އާ ހަމައަށް މެޓް އޮފީހުން ވަނީ ހުދު އެލާޓު ނެރެފައެވެ.

މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުމާ އެކު ކަނޑުތައް ވެސް ގަވާނެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު، ބައެއް ދުވަސް ދުވަހު އުދައަރާނެ ކަމަށް ވެސް ލަފާކޮށް އިންޒާރު ދީފައިވެ.