މުޅި ރާއްޖެަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލެއަށް މިއަދު ބޯކޮށް ވާރޭވެހި ގިނަ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެގޮތުން ޗާންދަނީ މަގާއި އަލިކިލެގެފާނު މަގާއި އަމީނީ މަގާއި މަޖީދީ މަގުގެ އިތުރުން މި މައި މަގުތަކަށް ވަދެވޭ ކުދި ގޯޅިގަނޑުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ބުނީ، މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) އިން ފަށާފައިވ ކަމަށެވެ. އެ ގޮތުން، މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެޖް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ބަހައްޓައިގެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެފްއާރުއެސްގެ ސިފައިން ދަނީ ކުރަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ދާދި ދެންމެ އަކުން މެޓް އޮފީހުން ވަނީ ވައިތް އެލާޓެއް ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް ގުގުރުމައެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިނުގައި 3 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް ބެލެވެ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.