ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ވާހަކަފުޅުގައި ރައީސް ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން އަޅަން ޖެހުނު ބައެއް ފިޔަވަޅުތަކަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި:

  • ކޮވިޑާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އުފުލާ ބައެއް ފްލައިޓްތައް ކެންސަލް ކުރަން ޖެހުނު
  • މީގެ ދެ އަހަރު ކުރިން، ތިން މަސް ދުވަހަށް ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމަން ޖެހުނު
  • އެއީ އުނދަގޫ ނިންމުމެއް އަދި އެ ނިންމުން ނިންމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ވިސްނުމާ ދެކޮޅަށް

ބޯޑަރުތައް ބަންދު ކުރުމަށް ފަހު، ރިސޯޓުތައް ވެސް ބަންދުކުރަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ހީނުކުރާ ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވައިލަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ މިއަދު އޮތް މަގާމަށް އާދެވުނީ އެ ނިންމުމުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރައިގެން ދާ މިންވަރާ އަޅާ ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ވެލާނާ އެއާޕޯޓުގެ ޖާގަ އިތުރުކުރުން ކަމަށެވެ. އެގޮތުން، އެ ޓާމިނަލްގެ އެކި މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު، މިހާރު އެ މަސައްކަތްތައް އަލުން ފަށައިގެން ކުރިއަށްދާ ކަމަށާއި، މިހާރު ހަދަމުންދާ ޓާމިނަލްގެ ހިދުމަތްތައް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި ތަރައްގީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއޭސީއެލުން މީގެ ކުރިން ބުނި ގޮތުގައި، އާ ޓާމިނަލްގެ މަސައްކަތްތައް އެއްކޮށް ނިންމައިލެވޭނީ އަންނަ އަހަރު ނިމޭކޮޅުގައެވެ. ނަމަވެސް އެތަނުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެމްއޭސީއެލުން މިހެން ބުނެފައިވާއިރު، އަންނަ އަހަރުގެ ފަހުކޮޅު އާ ޓާމިނަލްގެ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް ބެލެވޭ ކަމަށް، މިދިޔަ މަހު ކުރީކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ.