ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ގައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން، ސޯޝަލް މީޑިއާ ޗެލެންޖެއް ފަށައިފިއެވެ.

ސްރީލަންކާ ޑޮލާ ޗެލެންޖުގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަށާފައި ވާ ޗެލެންޖަކީ، ގާނޫނީ ގޮތުން ހުއްދަ، ބޭންކިންގް ނިޒާމްގެ ތެރެއިން ސްރީލަންކާއަށް ޑޮލަރު އެތެރެކޮށްދިނުމުގެ ގޮތުން ފަށަފައިވާ ޗެލެންޖެކެވެ.

ސްރީލަންކާ ޑޮލާ ޗެލެންޖު ފަރުމާ ކޮށްފައި ވަނީ ގައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތެއް ނަމަ ޗެލެންޖު ގަބޫލު ކުރެވޭ ގޮތަށް، އަދި ގައުމުގައި ތިބި މީހުން، އެހެން މީހުންނަށް ޗެލެންޖު ކުރެވޭ ގޮތަށެވެ. އެގޮތުން، ގައުމުން ބޭރުގައި ދިރިއުޅޭ ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރަކަށް ޗެލެންޖު ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

ޗެލެންޖެއް ލިބޭ ހިސާބުން އެ ގަބޫލުކޮށް، ރަސްމީ ބޭންކިންގް ޗެނަލެއް މެދުވެރިކޮށް، ސްރީލަންކާގައި ދިރިއުޅޭ އާއިލާ މެންބަރަކަށް ފައިސާ ފޮނުވޭނެއެވެ. ރެމިޓަންސްގެ ގޮތުގައި ބޭންކިންގް ނިޒާމް މެދުވެރިކޮށް އެ ފައިސާ ފޮނުވޭނެ ހާއްސަ ލިންކެއްވެސް ވަނީ ތައާރަފު ކޮށްފައެވެ.

ޗެލެންޖު ގަބޫލުކޮށް، ފައިސާ ފޮނުވުމަށްފަހު، ގައުމުން ބޭރުގައި ދިރިއުޅޭ 5-10 ރަހުމަތްތެރިން ނުވަތަ އާއިލާ މެންބަރުންނަށް ޗެލެންޖު ކުރަން ފުރުސަތު އޮވެއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، ޒަރޫރީ ބޭނުންތައް ފުދޭނެ ފަދައެއް ނެތި ސްރީލަންކާގެ އެތައް ރައްޔިތުންނެއް މިއަދު ދިރިއުޅެމުން ދާއިރު، އެ ހާލަތަށް ގައުމު ވެއްޓުނު އެންމެ ބޮޑު އެއް ސަބަބަކީ ބޭރު ފައިސާގެ ރިޒާވް ހީނަރުވުމެވެ.