މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެޓާނީ ޖެނެރަލް އޮފީހުން 90 މައްސަލައެއްގައި ދައުވާކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 90 މައްސަލައެއްގައި އެ އޮފީހުން ދައުވާ ކޮށްފައިވާއިރު ދައުލަތަށް ރައްދުވާ ދައުވާތަކުގެ އަދަދަކީ 93އެވެ.

ދައުވާ ކުރި 90 މައްސަލަ ބެހިފައިވާ ގޮތް:

  • ސްޕްރީމް ކޯޓް 2
  • ހައިކޯޓް 9
  • ސިވިލް ކޯޓް 33
  • ފެމިލީ ކޯޓް 38
  • މެޖިސްޓްރޭޓް ކޯޓް 8

ދައުވާ ލިބޭ 93 މައްސަލަ ބެހިފައިވާ ގޮތް:

  • ސްޕްރީމް ކޯޓް 8
  • ހައިކޯޓް 13
  • ސިވިލް ކޯޓް 48
  • އާބިޓްރޭޝަން ސެންޓަރު 1
  • ވަޒީފާއާ ބެހޭ ޓްރައިބިއުނަލް 1
  • މެޖިސްޓްރޭޓް ކޯޓްތައް 22

އޭޖީ އޮފީހުން މީގެ ކުރިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތުން 77 ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެއީ 18 އަހަރުން ދަށުގެ 40 ކުދިންނަށާއި 18 އަހަރުން މަތީގެ 37 މީހަކަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 9 މީހަކަށް ދައުލަތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ވަކީލުން ހަމަޖައްސައިދީފައެއް ނުވެއެވެ. އެއީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވައިދުގެ ދަށުން ޝަރުތު ފުރިހަމަ ނުވާތީ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި މާރާމަރީގެ 14 މައްސަލަ އަކާއި މަރުގެ 2 މައްސަލައަކާއި މަސްތުވާތަކެތީގެ ކުށްތަކުގެ 16 މައްސަލައެއްގެ އިތުރުން ޖިންސީގޯނާ ކުރުމާއި ޒިނޭ ކުރުމާއި ހުއްދަނޫން ޖިންސީ އަމަލެއް ހިންގުމުގެ4 މައްސަލަ އާއި ބިރުދެއްކުމުގެ 2 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 3 މައްސަލަ އަދިވައްކަން ކުރުމުގެ 5 މައްސަލަ ހިމެނެއެވެ.

ވަކީލުން ހަމަޖެއްސި 18 އަހަރުން މަތީގެ މީހުންނަށް ތުހުމަތު ކުރެވޭ ކުށްތަކަށް ބަލާއިރު މީހުން މެރުމުގެ 2 މައްސަލައާއި ޓެރަރިޒަމްގެ ކުށްތަކުގެ 4 މައްސަލައާއި މަސްތުވާތަކެތީގެ ކުށްތަކުގެ 31 މައްސަލައެއްގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކުގެ 22 މައްސަލަ އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދެއްކުމާއި މާރާމާރި ހިންގުމާއި ގެންގުޅުހުރި 4 މައްސަލަ އެއް ވެސް ހިމެނެއެވެ.