ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބޭއްވި "ރެހެންދި ސޭލް"ގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ ގޮތަކަށް ބުއިންތަކަކަށް ނަން ދީފައި ހުރި މެނޫއެއް ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އެ މެނޫ އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ރެހެންދި ސްކޫލުން ބުނީ، އެ ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށެވެ.

ރެހެންދި ސްކޫލްގެ އިވެންޓެއްގައި ބުއިންތަކަކަށް ދީފައި ހުރި ނަންތަކެއް / ފޮޓޯ: އެމްވީ ކްރައިސިސް

އެ މައްސަލައިގައި ރެހެންދި ސްކޫލަށް ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވަނިކޮށް، އެ ސްކޫލުން ބުނީ:

  • އެ ބޯޑަކީ އެންމެ ރަނގަޅު އިބާރާތްތައް އެކުލެވޭ އިޝްތިހާރު ބޯޑެއްނޫން ކަމަށް ދެކޭ ކަމަށް
  • އެކަން ކުރި ބަޔަކު ކޮށްފައިވަނީ އިންޓަނޭޝަނަލް މެނޫއަކަށް ވާތީ ވިސްނާލުމެއް ނެތި ކަމަށް
  • އެކަން އެނގުނު ހިސާބުން އެ ބޯޑު ނަގަން އެ ފަރާތަށް އަންގާފައިވާނެ ކަމަށް

ހަމަ އެއާއެކު، އެ ސޭލްގެ ގަވައިދުގައިވާ ގޮތުން، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ތަކެތި ވިއްކުމާއި، ބޭއަދަބީ އިބާރާތްތައް އިޝްތިހާރުތަކުގައި ބޭނުންނުކުރުމަށް އެ ސޭލްގެ ބައިވެރިންނަށް އަންގާފައިވާނެ ކަމަށް، އެ ސްކޫލުން ބުންޏެވެ.

އެހެންކަމުން، އެފަދަ ބޯޑެއް ބެހެއްޓުން ކުށްވެރިކުރާ ކަމަށް ވެސް އެ ސްކޫލްގެ ބަޔާނުގައި ވެއެވެ.