ރަޝިއާ-ޔޫކްރައިން ހަނގުރާމައާއި، ގޭހުގެ ސިނާއަތުގެ އަގުތައް އުފުލެމުން ދިއުމާ އެކު އާންމުންނަށް ޖެހޭނެ ތަކުލީފު ކުޑަކުރަން އާންމު ބައެއް ދަތުރުތައް ހިލޭ ކުރަން ސްޕެއިނުން ނިންމައިފިއެވެ.

ގޭހުގެ ސިނާއަތުގެ އިތުރުން ތަކެތީގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި އާންމުންނަށް ކުރަން ޖެހޭ ހަރަދުތައްވެސް އިންތިހާއަށް ދަނީ މަތިވަމުންނެވެ. ޔޫރަޕްގައި 8-14 ޕަސެންޓަށް އިންފްލޭޝަން މަތިވެފައި ވާއިރު، ސްޕެއިންގެ ސަރުކާރުން އަޅަން ފެށި އެއް ފިޔަވަޅަކީ، އާންމު ދަތުރުފަތުރު (ޕަބްލިކް ޓްރާންސްޕޯޓް) ގެ އަގުތައް ކުޑަކުރުމެވެ. އެގޮތުން، އެތެރޭގެ ރޭލް ހިދުމަތުގެ އަގު އަންނަ ސެޕްޓެމްބަރުން ފެށިގެން އެއްކޮށް ކަނޑާލަން ވަނީ ނިންމާފައެވެ.

މި ބަދަލާއެކު މިއަހަރުގެ ނިޔަލަށް އެތެރޭގެ ކުރު ދަތުރުތައް ހިލޭ ކުރެވޭނެއެވެ. ނަމަވެސް އެއްކޮޅަށް (ވަން ވޭ) ކުރާ ދަތުރުތަކާއި ދިގު ދަތުރުތަކަށް މިހާރުވެސް އޮންނަ އުސޫލުން އަގު ނަގާނެއެވެ.

ސްޕެއިންގެ އިތުރުން ޖަރުމަނުގައިވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގައުމުގައި އެތެރޭގެ އާންމު ދަތުރުތަކުގެ އަގު ވަނީ 9.50 ޑޮލަރަށް ހަދާފައެވެ. އެ ބަދަލާއެކު، އެ ގައުމުގެ އެތެރޭގެ ހުރިހާ މަންޒިލަކަށް އެ އަގުގައި ދަތުރު ކުރެވޭނެއެވެ.

އޮސްޓްރިއާގައި ތައާރަފް ކުރީ ދުވާލަކަށް 3.5 ޑޮލަރަށް ދޭ ޓިކެޓެކެވެ. މި ޓިކެޓުން އެތެރޭގެ އާންމު ހުރިހާ ދަތުރެއް ކުރެވޭނެއެވެ.

ދުނިޔޭގެ ގޭހުގެ ސިނާއަތުގެ އަގުތަކަށް ބަލާއިރު، ސާފުނުކުރާ ތެޔޮ ހުރީ 120 ޑޮލަރަށް އަރާފައެވެ. ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތައް އުފުލެމުން ގޮސް 100 ޑޮލަރުން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ރަޝިއާއަކީ ޔޫރަޕަށާއި މުޅި ދުނިޔެއަށް ބޭރު ކުރާ ތެލުގެ 10 ޕަސެންޓް ހިއްސާ ކުރާ ގައުމެވެ.

ތެލުގެ އަގުތަކަށް އަންނަ ބަދަލާއެކު ރާއްޖޭގައިވެސް، ތެޔޮ އަގުބޮޑުވެ އޭގެ އަސަރު ތަކެތީގެ އަގުތަކަށް ކުރެއެވެ. އެއާއެކު އެތެރޭގެ ދަތުރުފަތުގެ އަގުތަކަށްވެސް އެ ބަދަލު އާދެއެވެ. ރާއްޖޭގައި އެމްޓީސީސީން ދޭ ބަހުގެ ހިދުމަތަށް 15ރ. ނެގި ނަމަވެސް އާންމު ދަތުރުފަތުރުގައި އުޅޭ ކާރު ނުވަތަ ޓެކްސީ ތަކުގެ އަގު ވަނީ ބޮޑު ކޮށްފައެވެ.