ހަމަޖެހިފައި އޮންނަ ސަރުކާރެއް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކުލަވާނުލެވިއްޖެ ކަމުގައި ވަނީ ނަމަ، މުޅި ގައުމު ހުއްޓުމަކަށް އައިސް "ޝަޓްޑައުން" ވެދާނެ ކަމުގެ އިންޒާރު، ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، ނަންދަލާލް ވީރަސިންހަ ދެއްވައިފިއެވެ.

ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލަންކާގެ ގަވަރުނަރު ވިދާޅުވީ، ސްރީލަންކާއަށް މިއަދު ބޭނުންވާފައިވާ ޒަރޫރީ ޕެޓްރޯލިއަމް ސަޕްލައިއަށް ދައްކާނެ ބޭރު ފައިސާ، އެކަށީގެންވާ މިންވަރެއްގައި ރިޒާވްގައި ހުރި ކަމާ މެދުވެސް ސުވާލު އުފެދިފައި ވާ ކަމަށެވެ.

ބައިނަލްއަގުވާމީ އެހީ ނުވަތަ 'ބެއިލްއައުޓް' ޕެކޭޖެއްގެ ދަށުން ގައުމަށް ހިންދެމިލެވެންވެސް އޮތީ ހަމަޖެހޭ، ހަރުދަނާ ސަރުކާރެއް ގާއިމު ކުރެވިގެން ކަމަށް ވީރަސިންހަ ވިދާޅުވިއެވެ.

އެ ގައުމުގެ މިނިވަންކަމުގެ ތާރީހު ނުދެކޭ ވަރުގެ ހީނަރުކަމުގެ ފުން އަނދަވަޅަކަށް ގައުމު ވެއްޓުނު އިރު ވެރިކަމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަ މިހާރު ވަނީ ގައުމު ދޫ ކުރައްވާ ވަޑައިގެންފައެވެ. ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން ގޮތަބާޔާ އިސްތިއުފާ ދެއްވާފައި ވާ ކަމަށް، ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މުޝީރު އަދި ދިވެހި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަގުތީ ރައީސެއްގެ ގޮތުގައި ސްރީލަންކާގެ ހުންގާނުގައި ހުންނެވި ރަނީލް ވިކްރަމަސިންހަ އަދިވެސް ގެންދަވަނީ އެ ގައުމުގައި ކާފިއުގެ އަމުރު ތަންފީޒު ކުރައްވަމުން ކަމުގައި ވީ ނަމަވެސް، ގޮތަބާޔާގެ އިސްތިއުފާގެ ހަބަރާއެކު އާންމުން ދަނީ މަގުތަކަށް ނުކުމެ، އުފާ ފާޅު ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ސްރީލަންކާ އަދު އޮތް ހާލަތަށް ވެއްޓުނީ ރާޖަޕަކްސަގެ ސަރުކާރުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުރަވާއިރު، ވިކްރަމަސިންހައަކީވެސް "މައްސަލައިގެ ބައެއް" ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ކަމުން، އަދި ކައިރި މުސްތަގުބަލެއްގައި ލަންކާއަށް ހަމަޖެހުން އައުން ނާދިރެވެ.

މިދިޔަ އޭޕްރިލް މަހު ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ވީރަސިންހަ ވަނީ، ހަމަޖެހޭ ސަރުކާރެއް ގާއިމު ކުރުމަކާ ނުލާ، ސްރީލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމައިގެން ކުރިއަށް ދާނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެކަން ނުވެއްޖެނަމަ މުޅި ގައުމު ހުއްޓުމަކަށް އަންނާނެ ކަމަށާ، އެހެން ކަމުން، ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމަށްޓަކާ، ބޮޑުވަޒީރަކާ، ރައީސްއެއްގެ އިތުރުން ވަޒީރުންގެ މަޖިލީހަކަށް ގައުމު ބޭނުން ވެފައި ވާ ކަމަށް ވީރަސިންހަ ވަނީ ވިދާޅުވެފައެވެ.

ހަމަޖެހޭ ސަރުކާރެއް ގާއިމު ކުރެވޭތާ 3 ނުވަތަ 5 މަހެއްހާ ދުވަހުގެ ތެރޭގައި، ކާރިސީ އަނދަވަޅުން ލަންކާއަށް ނުކުމެވޭ ވަރު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ ލަފާ ކުރައްވާފައެވެ.