ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ދެ ޝެއިހުންގެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ޝެއިހް އަހްމަދު ސަމީރު ފާޑުވިދާޅުވެއްޖެއެވެ.

ޝެއިހް ސަމީރު ވިދާޅުވީ، ޔޯގާ ފަތުރަން ބޭރުގެ ގައުމެއްގެ ނުފޫޒަށް ދެ ޝައިހުންގެ ބަންދުގެ މުއްދަތު ހައްގަކާ ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓުގައި ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ. އަދި އެފަދައިން ކޯޓުގައި އެދެމުން ދާ އިރު، ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ދީނީ އިލްމުވެރިއަކު ހުންނަވައިގެން އެއީ ކުރައްވަން ހުތުރުކަން ބޮޑުވެގެން ވާ ކަމެއް ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

މިމަހު 21 ވަނަ ދުވަހު ފާހަގަ ކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން އާއި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްގެ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ފުރަތަމަ ފަޒްލޫނަށާއި ޝެއިހް ނިޝާން އަށް 7 ދުވަހުގެ ބަންދެއް ޖެހިއެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވަނީ ޝެއިހް ނިޝާނަށް 13 ދުވަސް އަދި ޝެއިހް ފަޒްލޫނަށް 16 ދުވަހުގެ މުއްދަތުގެ ޖަހާފައެވެ.

ޔޯގާ މައްސަަލައިގައި ހައްޔަރު ކުރި ދެ ޝެއިހުންގެ ބަންދު އިތުރު ކުރަމުން ދިއުމާ ގުޅިގެން ޝެއިހް ސަމީރު ހޯމް މިނިސްޓަރު އިމްރާނަށް ފާޑު ވިދާޅުވެފައިވާ އިރު ދާދި ފަގުން އިމްރާން ވަނީ، ދީނީ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދިިން ޕާޓީ އަކީ އިމްރާން ލީޑަރެއްގެ ގޮތުގައި ހުންނެވި އަދާލަތު ޕާޓީ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ވޭތުވެދިޔަ 3 އަހަރަށް ބެލި ކަމުގައި ވިޔަސް ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިއަތަށް ބެލި ކަމުގައި ވިޔަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ބަޔަކު ނެތް ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ، ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް އެއީ ހަގީގަތް ކަމަށް އިމްރާން ވިދާޅުވެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފައި ނުވާ އިރު، މި ސަރުކާރާއެކު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި އަޑު އުފުލި ގިނަ ބަޔަކު އެ ޕާޓީތަކުން އެ ކަން ކުށްވެރިކޮށްފައި ނުވާތީ އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.