ދިވެހިރާއްޖޭގައި ހުންނެވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ހުންނެވީ ވާލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގައި ކަމަށާއި މިއަދު ހެނދުނު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ ރިސޯޓަށް ވަޑައިގެންނެވި ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.
ގޮތަބަޔާ ހުންނެވީ އިތާފުށި ރިސޯޓުގައި ކަމަށް އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައި ވާއިރު އެ ރިސޯޓަކީީ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ރިސޯޓެކެވެ.
ސައުދީ އެއާލައިންގެ ބޯޓަކުން ގޮތަބަޔާ މިއަދު ފުރާވަޑައިގެންފައި ވާއިރު އޭނާ ވެލާނާ އެއާޕޯޓަށް ދަތުރުކުރެއްވީވެސް އިތާފުށި ރިސޯޓުގެ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުން ދަތުރުކުރިއިރު އެމްއެންޑީއެފްގެ ދެ އުޅަނދަކުން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އަދި މި ލޯންޗް ދަތުރު ކުރާތަން ފެންނަ ވީޑިއޯ ކްލިޕްވެސް ވަނީ އާންމު ވެފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ނަޝީދު އެ ރިސޯޓަށް ވަޑައިގެން ގޮތަބަޔާއާ ބައްދަލުކުރައްވާފައި ވާކަން "ދަ ޕްރެސް" އަށް އެނގިފައި ވާއިރު ގޮތަބަޔާ ހުޅުލެއަށް ވަޑައިގެންނެވި އިރު އޭނާ އަރިހުގައި ނަޝީދު ވަޑައިގެންނެވި ކަމަށްވެސް މަޢުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ. ނަޝީދުގެ އަރިހުގައި އިތުރު ބަޔަކު އިތާފުށި ރިސޯޓަށް ވަޑައިގެންނެވި ނަމަވެސް އެއީ ކޮންބައެއް ކަން އަދި ސާފެއް ނުވެއެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓަލުގައިވެސް ގޮތަބަޔާ މަޑުކުރެއްވި އިރު ރައީސް ނަޝީދު ވެސް ހުންނެވީ އެ ހޮޓަލުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މީގެއިތުރުން ގޮތަބަޔާ އިތާފުށި ރިސޯޓުގައި ހުންނެވި އިރު އެމްއެންޑީއެފުން ވަނީ ވަރަށް ބޮޑަށް ރައްކާތެރިކަން ދީފައެވެ.
ގޮޓަބަޔާ ރާއްޖެ ދޫކުރައްވާ ހެނދުނު 11:27 ގައި ފުރި ސައުދީ އެއާލައިންގެ SV788 އިން ސިންގަޕޫރަށް ވަޑައިގަތުމަށް ދަތުރު ފަށްޓަވާފައި ވާއިރު އެ ދަތުރަށް ޓިކެޓު ދޫކޮށްފައި ވަނީ އެ އެއާލައިންގެ ޖިއްދާގައި ހުންނަ އޮފީހުން ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވި ނަމަވެސް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވާފައި ވާއިރު އިސްތިއުފާގެ ރަސްމީ ސިޓީ ރޭ 12 ޖެހި އިރުވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ އަށް ލިބިވަޑައިގެންފައެއް ނުވެއެވެ.
ލަންކާ އެއާފޯހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކަމަށެވެ. ލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން ރައީސް ގޮތަބަޔާ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށް އެއާ ފޯހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގޮތަބަޔާ ރާްއްޖެ ވަޑައިގެންނެވި އިރު، އޮންނަ އުސޫލުން ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އިންނެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްޗެއް ބުނަން ދެކޮޅު ހެދިނަމަވެސް، ޑިޕްލޮމެޓުންނާއި ރައީސުން އަދި ރާއްޖެ އެތެރެވާ ފްލައިޓްތަކަށް ޑިޕްލޮމެޓިކް ކްލިއަރަންސް ދެނީ ފޮރިން މިނިސްޓްރީ އިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ "ދަ ޕްރެސް" އަށް ވިދާޅުވެފައެވެ.