ދިވެހިރާއްޖޭގައި ފިއްލަވައިގެން ހުންނެވުމަށް ފަހު ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސައުދީ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިގެންފިއެވެ.

ގޮޓަބަޔާ ރާއްޖެ ދޫކުރައްވާ ހެނދުނު 11:27 ގައި ފުރި ސައުދީ އެއާލައިންގެ SV788 އިން ސިންގަޕޫރަށް ވަޑައިގަތުމަށް ދަތުރު ފަށްޓަވާފައި ވާއިރު އެ ދަތުރަށް ޓިކެޓު ދޫކޮށްފައި ވަނީ އެ އެއާލައިންގެ ޖިއްދާގައި ހުންނަ އޮފީހުން ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.

ގޮތަބަޔާ އެއާޕޯޓަށް ވަޑައިގަތުމަށް ދަތުރު ކުރައްވާފައި ވަނީ އިތާފުށީގެ ލޯންޗެއްގައި ކަމަށް ވާއިރު އެ ލޯންޗު ދަތުރުކުރި އިރު އެ ލޯންޗަށް އެމްއެންޑީއެފްގެ ދެ އުޅަނދަކުން ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި އެއާޕޯޓަށް ވަޑައިގެން ހުޅުލޭ އައިލެންޑް ހޮޓަލުގައި މަޑުކުރައްވައި ފުރާވަޑައިގަތީއެވެ.

ގޮތަބަޔާ އިތާފުށީގައި ހުންނެވި އިރު އެރަށަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ނަޝީދު ވެސް ވަޑައިގެން ކަމަށް "ދަ ޕްރެސް" އަށް ވަނީ އިތުބާރުހުރި މަސްދަރަކުން ޔަގީން ކޮށްދީފައެވެ.

އޭގެއިތުރުން ގޮތަބަޔާ ހުޅުލެއަށް ވަޑައިގެންނެވި އިރު އަރިހުގައި ނަޝީދު ވަޑައިގެންނެވި ކަމަށާއި ގޮތަބަޔާ އެއާޕޯޓުގެ ވީއައިޕީ ޓާމިނަލަށް ވަޑައިގަތީ އެމްއެންޑީއެފްގެ ސްޕްޝަލް ފޯސަސްގެ ހިމާޔަތުގައިކަންވެސް ވަނީ އެނގިފައެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވި ނަމަވެސް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވާފައި ވާއިރު އިސްތިއުފާގެ ރަސްމީ ސިޓީ ރޭ 12 ޖެހި އިރުވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ އަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

ލަންކާ އެއާފޯހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކަމަށެވެ. ލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން ރައީސް ގޮތަބަޔާ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށް އެއާ ފޯހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.