ހޮލީވުޑްގެ މަޝްހޫރު ބަތޮލް ޖޮނީ ޑެޕްއާ ދެކޮޅަށް އޭނާގެ ކުރީގެ އަނބިމީހާ، އެމްބާ ހާޑް ކުރަމުން ދާ ދައުވާގެ މައްސަލާގައި، އާ ޝަރީއަތެއް ފެށުމަށް ހުށަހެޅި ހުށަހެޅުން، އެމެރިކާގެ ވާޖީނިއާގެ ކޯޓަކުން ބޭރު ކޮށްލައިފިއެވެ.

ޖޮނީ ޑެޕްއާ ދެކޮޅަށް އެމްބާ ހާޑް މީގެ ކުރިން އުފުލި ދައުވާގައި ކުރި ލިބޭ ގޮތް ނުވެ، ކޯޓުން ބަދަލުގެ ގޮތުގައި ހާޑްގެ ކުރީގެ ފިރިމީހާއަށް 10.35 މިލިއަން ޑޮލަރު ދިނުމަށް އަމުރު ކޮށްފައެވެ. ދުވަހު ނޫހަކަށް އޭނާ ލިޔުނު ލިޔުމުގައި ޑެޕްގެ އަބުރު ކަތިލާފައި ވާ ކަމަށް ޝަރީއަތުގައި ބައިވެރިވި ޖޫރީން ވަނީ ނިންމާފައެވެ.

ހާޑްގެ ވަކީލުން ބުނަމުން ދަނީ، ޖޫރީންގެ ޕެނަލުގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެކަކީ، އެކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށެވެ. އެގޮތުން ޖޫރީންގެ ތެރޭގައި ބައިވެރިވި އެކަކު ކޯޓަށް ހާޒިރު ވެފައި ވަނީ، ހަމަ އެ އެޑްރެހުގައި ދިރިއުޅޭ، ހަމަ އެއް ނަމެއް ކިއާ، އޭނާގެ ބައްޕައަށް ފޮނުވި ކޯޓު އަމުރުގެ ދަށުން ކަމަށެވެ.

ނަމަވެސް ކޯޓުގެ ފަނޑިޔާރު ވަނީ، އޮޅުވާލުމާއި ހިޔާނާތުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ޖޫރީންގެ ގޮތުގައި ބައިވެރިވި މީހުންނަކީ، އެކަމަށް ކުފޫ ހަމަވާ މީހުން ކަމަށްވެސް ވިދާޅުވެފައެވެ. ޖޫރީން ހޮވާފައިވަނީ ވެޓިންގް މަރުހަލާ ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާ، ޖޫރީން މަޝްވަރާ ކޮށް، ގޮތް ނިންމާފައި ވާ ކަމަށްވެސް ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހާޑްއާ ދެކޮޅަށް ޖޮނީ ޑެޕް ކުރި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ ބަލާފައެވެ. އެ ދެމީހުންގެ ހަޔާތުގެ ޒާތީ އެތައް ވާހަކައެއް ތިލަ ކުރަމުން ދިޔަ ޝަރީއަތުގެ އަޑުއެހުންތައް ނިންމާ، ހުކުމް އައީ ޑެޕްއާ އެއްކޮޅަށެވެ. ނަމަވެސް، އެކަން ހަޖަމް ކުރުމަށް އެމްބާ ހާޑް އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެކަން ކޯޓަށްވެސް ހުށަހެޅި ނަމަވެސް، ކުރި ލިބޭ ގޮތް ނުވީއެވެ.

ޝަރިއަތާ ބެހޭ ގޮތުން ޑެޕް ބުނެފައި ވަނީ، އޭނާގެ ހަޔާތް، ޖޫރީއިން ހޯދާދީފައި ވާ ކަމަށާ، ހަގީގަތަކީ ގެއްލިދާނެ އެއްޗެއް ނޫން ކަމަށެވެ. ހާޑް ބުނީ އޭނާގެ ހިތް ކުދިކުދި ވެފައި ވާ ކަމަށެވެ. ހުކުމުގެ ސަބަބުން އަންހެނުންނަށް އޮތް ހާލަތާ މެދު ހިތާމަ ކުރާ ކަމަށާ، އެއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ހާޑް ވަނީ ސިފަ ކޮށްފައެވެ. ހާޑްގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ވަނީ، މައްސަލަ އިސްތިއުނާފު ކުރުމަށް ހާޑް ރާވަމުންދާ ކަން ހާމަ ކޮށްފައެވެ.

ޑެޕްއާއި ހާޑް އެންމެ ފުރަތަމަ ބައްދަލުވީ "ދަ ރަމް ޑައެރީ" ގެ ސެޓުން، 2009 ވަނަ އަހަރުގައި ކަމަށް ވާ އިރު، ކައިވެނި ކުރީ 2015 ވަނަ އަހަރުއެވެ. މާ ގިނަ ދުވަހެއް ނުވެ، 2016 ވަނަ އަހަރުގެ މެއި މަހު، ޑެޕްގެ ގާތުން ވަރިވުމަށް ހާޑް ހުށަހެޅިއެވެ. ހުއްޖަތަކަށް ހެދީ، ޖިސްމާނީ އަނިޔާގެ ވާހަކައެވެ. އެފަހަރުވެސް ކޯޓުގައި ގިނަ ބަހުސްތަކެއް ކުރިއަށް ގެންގޮސް، ވަރި ސާބިތު ކުރީ 2017 ވަނަ އަހަރުއެވެ.