އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުން އުވާލަން ޖެހުނު ކަމުގައި ވީ ނަމަވެސް، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމުގައި އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯ (އައިއާރްޖީސީ)، "ޓެރަރިޒަމް"ގެ ލިސްޓުން އުނި ނުކުރާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައުދުވެވަޑައިގެންނެފިއެވެ.

އިޒްރޭލުގެ ޗެނަލް-12 އަށް ވޮޝިންގްޓަންގައި ހުންނަވާ ދެއްވި ބަސްދީގަތުމެއްގައި ބައިޑަން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާ އިރު، ބައިޑަން މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިޒްރޭލުގައެވެ. އަދި މި ދަނޑިވަޅަކީ، މަޑުޖެހުމަކަށް އައިސްފައިވާ ސުލްހައިގެ އެއްބަސްވުމުގެ ރޫހު ދިރުވާ، އާލާ ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ދާ ދަނޑިވަޅެއް ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމުން އެމެރިކާ ހަވާސާވީ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، އީރާނުންވެސް ދަނީ އެއްބަސްވުން ދޫކޮށްލާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. ޓްރަމްޕް އަޅުއްވާ، ބައިޑަން ތަންފީޒު ކުރައްވަމުން ގެންދަވާ ދަތި ކުރުމުގެ ފިޔަވަޅުތަކަކުގެ ރައްދެއްގެ ގޮތުން، އީރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު މެކުހަށް ޖަހަމުންނެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ މަޝްރޫއެއް ކަމަށް އެ ގައުމުން ބުނާ އިރު، އެ މަޝްރޫއުގެ ފަހަތުގައި ވަނީ އަސްކަރީ ބާރުވެރިކަމުގެ ނިޔަތެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ.

އީރާނު އަސްކަރިއްޔާގެ ނުފޫޒުގަދަ ގޮތްޕެއް ކަމަށް ވާ އައިއާރްޖީސީ، އެމެރިކާއިން ބްލެކްލިސްޓް ކުރީ ޓްރަމްޕްގެ ސަރުކާރުން، 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ބޭރު ސަރުކާރެއްގެ އަސްކަރީ ގޮތްޕެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ގިންތި ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އިޒްރޭލުގެ ޓީވީއަށް ދެއްވި ބަސްދީގަތުމުގައި ބައިޑަން ވަނީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު، އީރާނަށް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް އިރު، ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމުގެ ތުހުމަތު، އީރާނުންވެސް ދޮގު ކުރެއެވެ.