ލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަމާއެކު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ސަރުކާރާ ދެކޮޅަށް ނިކުމެ ރައީސާއީ ބޮޑުވަޒީރުގެ އިސްތިއުފާއަށް މަޖުބޫރު ކުރުމުން، މިއަދު ރާއްޖެއަށް ވަޑައިގެންނެވި ގޮތަބަޔާ ރާޖަޕަކްސާ ފޯނުން އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ ވިދާޅުވީ، ރައީސް ކަމުން އިސްތިއުފާ ދެއްވައިފި ކަމަށް ގޮތަބަޔާ ފޯނު ކުރައްވާ ވިދާޅުވެއްޖެ ކަމަށެވެ. ނަމަވެސް އިސްތިއުފާގެ ރަސްމީ ސިޓީ ބެނުން ވާތީ، އެ ސިޓީ މިއަދުގެ ވަގުތެއްގައި ލިބިވަޑައިގަންނަވާނެ ކަމަށް ގޮތަބަޔާ އަންގަވާފައި ވާ ކަމަށް އޭނާ ވިދާޅުވެއެވެ.

ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވާނެ ކަން ގޮތަބަޔާ ވަނީ މީގެ 3 ދުވަސް ކުރިން އިއުލާން ކުރައްވާފައެވެ. އޭރު އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް، އެ ސިޓީ މަޖިލީހުގެ ރައީސްގެ އަތްޕުޅަކަށް ނާރުވައެވެ. އޭގެ ބަަދަލުގައި ގޮތަބަޔާ ބެއްލެވީ، ގައުމު ދޫކުރައްވައި ވަޑައިގަންނަވާށެވެ. ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން، ދުބާއީއަށް ވަޑައިގަތުމަށްވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން އޮފިޝަލުން ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން ދެކޮޅު ހެދުމުން، ރޭ މެންދަމު ރާއްޖެއަށް ވަޑައިގަތީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ގޮތަބަޔާ އިންނެވި ބޯޓު ރާއްޖެއަށް ދަތުރު ކުރި އިރު، ރާއްޖެއިންވެސް ފްލައިޓް ޖައްސަން ފުރަތަމަ ހުއްދައެއް ނުލިބެއެވެ. ނަމަވެސް ފަހުން، ގޮތަބަޔާ ރާއްޖެއަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް ކަމަށް އެންގުމުން ހުއްދަ ދިނީ ކަމަށް ބުނެއެވެ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި މައްސަލަ ބޮޑުވެ އާންމުން ކަންބޮޑުވެފައި ތިބި އިރު، ރޭ ގޮތަބަޔާ ލައްޕަން (ރިސީވް ކުރަން) ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަތެވެ. ނަމަވެސް އެކަމާ ގުޅިގެން ރައީސް ނަޝީދުވެސް އަދި ސަރުކާރުންވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޑިޕްލޮމެޓިކް އުސޫލުތައް ހުންނަ ގޮތުން، އެއްވެސް ޑިޕްލޮމެޓަކަށްވެސް އަދި ރައީސަކަށްވެސް، އަދި ބޯޓުތަކަށް ވެސް އެއް ގައުމުން އަނެއް ގައުމުގެ ވައިގެ ސަރަހައްދަށް ވަދެވޭނީ، ޑިޕްލޮމެޓިކް ކްލިއަރެންސް ހޯދައިގެންނެވެ. އެހެން ކަމުން މިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ދައުރު ބޮޑު ނަމަވެސް އެ މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންފައި ވަނީ، ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށް ކަމަށް ލަންކާގެ ހަބަރުތައް ބުނެއެވެ. އަދި މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާނެކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި އިރު އަނބިކަނބަލުންނާއި 2 ބޮޑީގާޑުން ގެންނެވިއެވެ.