އެތައް ސަތޭކަ ޑްރޯންއެއް ރަޝިއާއަށް ފޮނުވުމަށް އީރާނުން ރާވަމުން ދާ ކަމަށާ، އޭގެ ތެރެއިން ބައެއް ޑްރޯންތަކަކީ ހަނގުރާމަތަކުގައި ބައިވެރިވުމުގެ ގާބިލުކަން ލިބިފައި ވާ ޑްރޯންތަކެއް ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގައި ހުންނަވާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވާން ވިދާޅުވީ އެމެރިކާއަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު، ޑްރޯންތައް ބޭނުން ކުރުމަށް ރަޝިއާގެ ފައުޖުތައް ތަމްރީން ކޮށްދިނުމަށްވެސް އީރާނުން ދަނީ ތައްޔާރު ވަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް އީރާނުން އަދި ރަޝިއާއަށް ޑްރޯންތައް ޑެލިވާ ކުރި ކަން ނުވަތަ ނޫން ކަން ކަށަވަރު ނުވާ ކަމަށްވެސް ސަލިވާން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި ޑްރޯންއަކީ މުހިންމު ދައުރެއް އަދާ ކުރާ އާލާތެކެވެ.

ހުސްވި ހަފުތާގައި ޔޫކްރައިނުންވެސް ވަނީ އެތައް ހާސް ޑްރޯންއެއްގެ އެހީ، އެ ގައުމަށް ފޯރުކޮށްދިނުމަށް އެދި، ގޮވާލާފައެވެ.

ޔަމަނުގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ދިޔަ އިރު ސައުދީ އަރަބިއްޔާއަށް ހަމަލާ ދިނުމަށް، ހޫތީ ހަނގުރާމަވެރިންވެސް އީރާނުގެ ޑްރޯން ބޭނުން ކުރި ކަމަށް ސަލިވާން ވަނީ ވިދާޅުވެފައެވެ.

ސަލިވާން މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި ވާ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންދަވަނީ ސައުދީ އަރަބިއްޔާއާއި އިޒްރޭލަށް ދަތުރުފުޅެއް ކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އިޒްރޭލުން ސިފަ ކުރާ ގޮތުގައި އީރާނަކީ ސަރަހައްދަށް އޮތް ނުރައްކަލެކެވެ.

އީރާނުން ޔޫކްރައިންއަށް ޑްރޯން ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާއިން ފެންމަތި ކޮށްފައި ވާ އިރު، އެމެރިކާއާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ހުޅަނގުގެ ބާރުތަކުން ދަނީ ޔޫކްރައިންއަށް ސިލްސިލާ ގޮތެއްގައި އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ. މިހާރުވެސް އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި އަސްކަރީ ހަތިޔާރު، އެ ގައުމުތަކުން ޔޫކްރައިންއަށް ފޯރުކޮށްދީފައި ވާ އިރު، ޔޫކްރައިން ދިފާއު ކުރުމުގައި އެމެރިކާ ދެމި އޮންނާނެ ކަމަށް ސަލިވާން ވަނީ ވިދާޅުވެފައެވެ.