ސްރީލަންކާ އަށް ދިމާވެފައިވާ އިގުތިސޯދީ ނާޒުކު ކަމުގެ ތެރޭގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހާ އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެންފައިވާ ވާއިރު އާ ރައީސަކު ހޮވުން މިމަހުގެ 20 ވާ ބުދަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ ވަނީ އެކަން އިއުލާން ކުރައްވާފައެވެ.

ކޮވިޑާ ގުޅިގެން ލަންކާގައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ގައުމުގެ އިގުތިސޯދު މަޑުޖެހިގެން ދިޔަ ވަގުތު، ތެލާއި ގަސް ކާނާ ލިބުން ދަތިވެ ގައުމުގެ އާންމު ހާލަތު ބޮޑުތަނުން ދަށަށް ގޮސް، ބޭނުން ކުރެވޭ ގޮތަށް ހުރި ޑޮލަރުގެ ރިޒާވުވެސް އެކީހެން ހުސްވެ، ބޭހާއި ކާބޯތަކެތި ލިބުމުގައިވެސް އެގައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ނުތަނަވަސްކަމުގައި ރައްޔިތުން އުޅޭތާ އެތައް ދުވަހެއްވެފައި ވާއިރު، އާންމު މުޒާހަރާތަކާ ގުޅިގެން އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައަށް ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތެވެ. އޭގެ ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ރަނިލްއެވެ. ނަމަވެސް ފާއިތުވި 3 ދުވަސް ތެރޭގައި ލަންކާގެ ހާލަތު އިތުރަށް ގޯސްވެ، ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރު ވެސް ހިފާފައެވެ. އެތާނގައި ތިބި ރައްްޔިތުން ބުނެފައި ވަނީ، އާ ސަރުކާރެއް އެކުލަވާ ނުލެވެނީސް އެތަން ދޫކޮށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން ރަނިލް އާއި އާއިލާ ދިރިއުޅުއްވި ގެކޮޅުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތައް ވެސް ވަނީ ދީފައެވެ. މިކަމާ ގުޅިގެން ރަނިލް ވިދާޅުވީ، އޭނާގެ ގެކޮޅުގައި އެތައް ސަތޭކަ ފޮތެއް ހިމެނޭ ގޮތަށް ހުރި ލައިބްރަރީއާއި 200 އަހަރުވެފައި ހުރި އާސާރީ ކުރެހުންތަކާއި ތަކެއްޗަށް ގެއްލުންދީ އަންދާލާފައި ވާ ކަމަށެވެ.

ތަމަޅައިންނާ ހަނގުރާމަ ކުރި ދުވަސްވަރު ދިފާއީ ވަޒީރަކަށް ހުންނެވި މިހާރުގެ ރައީސް ގޮތަބަޔާ މާދަމާ އިސްތިއުފާ ދެއްވާނެއެވެ. އޭނާ އެކަން އިއުލާން ކުރައްވާފައި ވާއިރު، ރަނިލްވެސް ވަނީ އިސްތިއުފާ ދެއްވާނެ ކަން ހާމަ ކުރައްވާފައެވެ.

ލަންކާއަށް އާ ރައީސަކު ހޮވުން މިމަހުގެ 20 ވަނަ ދުވަހަށް ތާވަލް ކޮށްފައި ވާއިރު، އަންނަ ހުކުރު ދުވަހު މަޖިލީސް ބައްދަލުވެ، އާ ރައީސަކު ހޮވުމުގެ ވޯޓު ނެގުން ފާސްކުރާނެއެވެ.

ލަންކާގައި ދެން އެކުލަވާލާނީ ހުރިހާ ޕާޓީއެއް ނުވަތަ ގުޅިފައިވާ ޕާޓީތައް ތަމްސީލު ކުރާ ސަރުކާރެކެވެ. އާ ސަރުކާރަށް ޖާގަ ދިނުމަށް މިހާރު އޮތް ސަރުކާރުގެ ކެބިނެޓުވެސް އިސްތިއުފާ ދޭނެއެވެ.

ލަންކާގައި އާ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ދާއިރު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސަ ވަނީ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 2019 ގައި އޮތް އިންތިހާބުގައި ވެސް އޭނާ ވާދަ ކުރެއްވިއެވެ. ނަމަވެސް އޭރު ނާކާބުވެ ވަޑައިގެންނެވި ނަމަވެސް އަލުން ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ ސަޖިތު ނިސްބަތްވާ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން އެހެން ޕާޓީތަކާއެކު ބެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް ހަބަރުތައް ބުެނެއެވެ.