އަޒްކާ އަށް ކޮޓަރިއަށް ވަދެވުނު އިރު ހުސްގަޔާ ހުރި މާއިޝް ފެނިފައި ސޮރީ އޭ ބުނުމަށްފަހު އަނެއް ފަޅިއެއް އެނބުރުނެވެ. " އައްދެ.. ކޮންކަމަކާ ސޮރީ..މަ މީ ދެން މިހާރު އަޒޫ ގެ މީހެއްނުން ތަ.."މާއިޝް އެހެން ބުނެލުމަށްފަހު އަޒްކާގެ އަތުން ކޮފީ ތަށި ނަގާލުމަށްފަހު އަޒްކާގެ ކޮލުގައި ކޮއްޓާލިއެވެ. އަޒްކާވެސް އިތުރު އެއްޗެއް ނުބުނެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. " ދަނީތަ ތި..ކޮފީ އެއް ނުބޯނަން ތަ.." މާއިޝް އަހާލިއެވެ. " މީޝްވެސް އެބަ އުޅޭ ބަދިގޭގަ..މީޝް އެކީގަ ދެން ކޮފީ ބޮއެގެން ސައިހަދާލަން މިދަނީ..ދެންމެވެސް ވަރަށް ދިމާކޮށްލައިފި އެހެންވެ މިދަނީ އިނގޭ..މާއިޝްވެސް ހިނގާ ބޭރަށް ކޮފީ ތަށި ހިފައިގެން.." އަޒްކާ ބުންޏެވެ." އިންވައިޓް ކުރީ ދޯތި..ހިނގާ ދާން ދޯ..އޭރުން މަގޭ ރީތި އަންހެނުން ކުރިމަތީގަ އިނދެވޭނެ އެއްނުން.." މާއިޝް ލާނެއް ފާޑަކަށް ބުންޏެވެ.
ކޮޓަރިން ނިކުމެގެން ވާހަކައިގެ ތިބެގެން އައި މާއިޝް އާއި އަޒްކާ ފެނިފައި މީޝާ ބަލަހައްޓައިގެން ހެވިފައި އިނެވެ. " ކޮންކަމަކާ ތި ހެނީ.."މާއިޝް އަހާލިއެވެ. "ދެން މިހާރު އެއްކޮން ނޫނީ ކަމެއް ވެސް ނުވޭ ދޯ.." މީޝާ ބުނެލިއެވެ. އެވަގުތު ނަޒީރާ ވެސް އެތަނަށް އައެވެ. "ދަރިފުޅު މިހާރު އަޒްކާ ކައިރީ ބުނެފިން ތަ ފުރަން ތައްޔާރުވާން.." ނަޒީރާ މާއިޝް ކައިރިން އަހާލިއެވެ. " ކޮންތާކަށް ފުރަން.." އަޒްކާ އެމީހުން އެދައްކާ ވާހަކައެއް ނޭނގިގެން އަހާލިއެވެ. "ހަނީމޫނަށް .." މީޝާ ބުނެލިއެވެ. އަޒްކާ އަށް ބަލާލެވުނީ މާއިޝް އާއި ދިމާލަށެވެ. ރޭގާ ހިނގި ހާދިސާ އަށް ފަހު މާއިޝް އޭނަ ގޮވައިގެން ތާކަށް ދާން ބޭނުން ވާނެ ހެއްޔެވެ.
"އަޒޫ ދާން ބޭނުން ވޭތޯވެސް އަހަން ޖެހޭނެ އެއްނުން.."މާއިޝް އަޒްކާ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި އަހާލިއެވެ. އަޒްކާ ގެ މައްސަލައެއް ނެތް ކަމަށް ބުނުމުން އެއްމެންގެ މޫނުމަތިންވެސް އުފާވެރިކަންފެނިގެން ދިޔައެވެ. އެއްމެ އުފާވީ މާއިޝް އެވެ. މީ އޭނާ ރޭވި ދަތުރެކޭވެސް އަޒްކާ އަށް ހީވާ ފަހަރު ދެއެވެ. ފުރުން އޮތީ އެދުވަހު ހަވީރު ގެ ފްލައިޓުން ކަމުން އަޒްކާ އަވަދިނެތި އެއްޗެހިތަށް ފޮއްޓަށް އެއްޗެހި އެޅުމުގައެވެ.
"ބަސް އަހައިގެން އުޅޭތި ދެކުދިންވެސް..ދެވުނީމަ ގުޅާތި އިނގޭ.." އަނެއްކާވެސް މަސް ދުވަހަށް މާއިޝް އާއި އަޒްކާ ނުފެންނާނެ ކަން އިނގުމުން ނަޒީރާ ގެ މައި ލަގޮނޑިއަށް ކެތެއްނުވިއެވެ. އޭނާ އަށް ރޮވެން ފެށުނެވެ. "އެހާ ދުވަހަށް ނުދިޔަސް ރަނގަޅުވާނެ އެއްނުން މާއިޝް.." އަޒްކާ މަޑު މަޑުން އެހެން ބުނީ ނަޒީރާ ރޯތަން ފެނުމުންނެވެ. އިޝާރާތުން ހަމަޖެހިލުމަށް މާއިޝް އަޒްކާ ގއ ކައިރީ ބުނެލިއެވެ. އެހެން ކަމުން އަޒްކާ ވެސް އިތުރު އެއްޗެއް ނުކިޔައެވެ.
ބޯޓަށް އަރާ ހަމަޖެހިލުމާއިއެކު އަޒްކާ ފަހު ފަހަރަށް ބޭރު ބަލާލިއެވެ. ލިބިފައި ވަނީ ވިންޑޯ ސީޓު ކަމުން ރީތިކޮށް ބޭރު ފެނެއެވެ. ފުރަތަމަ ފަހަރަށް މަތިން ދާ ބޯޓެއްގައި ދަތުރުކުރަން ޖެހުމުން އަޒްކާ އިނީ ފުދޭވަރަކަށް ބިރުންނެވެ. ނަމަވެސް ކައިރީގައި މާއިޝް އިނުމުން އޭނާ ކުޑަކޮން ހަމަ ޖެހޭކަން ދައްކާލަމުން މާއިޝް އަށް ބަލާލިއެވެ.
އިރުކޮޅެއްތެރޭ ބޯޓު ސްޓާޓު ކޮށްލޮއެވެ. އެއާއި އެކު އަޒްކާ އަށް ލޯ މަރާ ބާރު ކޮށްލެވުނެވެ. އެތަން ފެނިފައި މާއިޝް އަޒްކާގެ އަތުގައި ލޯބިން ހިފަހައްޓާލިއެވެ. މާއިޝް ގެ އަތުގައި އޭނާ އަށް ހިފާލެވުނެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް މާއިޝް އޭނާ އާއި އެއްމެ ކައިރީ ހުރެދޭތީ އޭނާ އެކަމަށް ޝުކުރުވެރިވެއެވެ.
ގަޑި އިރެއްގެ ދަތުރަކަށް ފަހު ބޯޓު ކާއްޑޫ އެއާޕޯޓުގެ ރަންވޭގައި ޖެއްސިއެވެ. އެއާއި އެކު އަޒްކާ ލޯގަނޑުން ބޭރު ބަލާލިއެވެ. މާދުރު ނޫން ހިސާބުގައި ބޯކޮށް ހައްދާފައިވާ ފެހިކަން ގަދަ ގަސްތަކުން މުޅި ހިސާބަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ.
ބޯޓުން ފޭބުމަށްފަހު އަޒްކާ މުޅި ހިސާބަށް ނަޒަރު ހިންގާލިއެވެ. ޖާގަ ތަނަވެސް ވެފައި ފުރިހަމަ އެވެ.
މާއިޝް ފަހަތުން އައިސް އަޒްކާގެ އަތުގައި ހިފާލިއެވެ. ކުއްލިއަކަށް މާއިޝް ގެ އެ އަމަލުން އަޒްކާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ކައިރީގައި ހުރި މާއިޝް ފެނިފައި ހަމަ އަކަށް އެޅުނެވެ.
ފޮށި ހިފައިގެން އެމީހުންނަށް ބޭރަށް ނިކުމެވުނު އިރު ކާރު އައިސް އޮތެވެ. ކާރަށް އެރުމުން ޑުރައިވަރު ކާރު ދުއްވާލިއެވެ. ރީތި މަގުތަކުން ދުއްވަމުން ދިޔައިރު އަޒްކާ އިނީ ލޯގަނޑު ބޭރު ބަލާށެވެ.30 މިނެޓު ދުއްވުމަށްފަހު ކާރު މަޑު ކޮށްލީ ގެސްޓު ހައުސްއެއްގެ ކުރިމައްޗަށެވެ. މާއިޝް ކާރުން ފޭބުމަށްފަހު އަޒްކާ އަށް ދޮރުހުޅުވާލަދިނެވެ. އެއީ ބޮޑު ގެސްޓު ހައުސް އެކެވެ. ގެސްޓު ހައުސްގެ ދޮރުމަތީގައި ދެފަރާތުގައި ތަފާތު ކުލަ ކުލައިގެ ރީތި މާގަސްތަށް އިންދާފައި ހުއްޓެވެ. ވަދެގެން ދާއިރު ބޮޑު މަސް ފެންގަނޑެއް އޮވެއެވެ. މަސްފެންގަނޑުގެ އަނެއް ފަޅީގައި އުނދޯއްޔެއް ހުއްޓެވެ.
"ވެލްކަމް މިސްޓާ އެންޑް މިސިސް މާއިޝް.."ދޮރުމަތީގައި ހުރި ނޭޕާލް އަންހެނެއް ބުނެލިއެވެ. މާއިޝް އެ އަންހެން މީހައާއި ވާހަކަ ދައްކަމުން އަޒްކާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ދިޔައެވެ.
ކޮޓަރިއާއި ހިސާބަށް ދެވުމުން ދޮރުހުޅުވާލަ ދިނުމަށްފަހު އެމީހުން ގެނައި އެއްޗެހި އެތެރެއަށް ވެއްދުމަށްފަހު އެ އަންހެން މީހާވެސް ގޮއްސިއެވެ. މާއިޝް އަޒްކާގެ އަތުގައި ހިފައިގެން ކޮޓަރީގެ ތެރެއަށް ވަނެވެ. ފިނިފެންމަލުގެ ވަހުން މުޅިތަން ވަނީ އެއްވަސް ކޮށްލާފައެވެ. އެނދުމަތީގައި "ހެޕީ ހަނީމޫން " ޖަހާފައި އޮތެވެ. އަދި ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި ފިނިފެންމާ ބޮކޭއެއް އޮތެވެ. ކައިރީގައި ތަފާތު ވައްތަރުތަކުގެ ޗޮކުލެޓު އަޅާފައި ހުރި ތަށްޓެއްހުއްޓެވެ.
"ސޮރީ މަ ހަނދާން ނެތުނީ ރީތި ނުކުރާށޭ ބުނަން.." މާއިޝް އަޒްކާގެ އަތަށް ފިތާލަމުން ބުންޏެވެ. "ކީއްވެ އެހެން ބުނަން ވީ..ކިހާ ރީތި. މާއިޝް ބުނެގެންތަ މިހެން ހެދީ.." އަޒްކާ އަހާލިއެވެ. މާއިޝް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"މަ ހިއެއްނުކުރަން އަޒޫ އަންނަން ބޭނުންވާނެ ކަމަކަށް..ރޭގަ ހިނގި ކަންކަމުން ނުބުނީވެސް ދަތުރުގެ ވާހަކަ..އެކަމަކު ވަރަށް އުފާ ވެއްޖެ އައީމަ.."މާއިޝް އަޒްކާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަޒްކާ ހީލީ ބުނާނއ އިތުރު އެއްޗެއް ނެތުމުންނެވެ. އޭނާ މާއިޝް އަށް އެހެން ހަދާކަށް ބޭނުމެއްނޫނެވެ. މާއިޝް އަށް އަންބެއްގެ ފަރާތުން އަދާ ކޮށްދޭން ޖެހޭ ކަންތައް ކޮށްދޭން އޭނާ ބޭނުމެވެ. ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުމެވެ. މާއިޝް ނުކުރާ ކުށެއްގެ އަދަބު އޭނާ އަށް ދޭކަށް ބޭނުމެއްނޫނެވެ.
ގަޑިން ރޭގަނޑު 9 ޖެހީއެވެ. ކާ މޭޒު ދަށުގައި މީޝާ އާއި އާދިލް އަދި ހައިކަލް ތިއްބެވެ. އެކަކުވެސް ވާހަކައެއް ނުދައްކާ ކާން އެޅިތަށްޓައް ބަލަހައްޓައިގެން ތިއްބެވެ. މާއިޝް އާއި އަޒްކާ ނެތުމުން މުޅި ގޭތެރެ ހީވަނީ ފަޅު ވެއްޖެހެންނެވެ. ދުލުން ބަޔާން ނުކުރިޔަސް ކޮންމެ މީހެއްގެ މޫނުމަތިންވެސް އެދެމީހުން ނެތުމުގެ ފަޅުކަން ފެންނަން ހުއްޓެވެ.
އަޒްކާ ކޮޓަރި ބެލްކަނީގައި ހުއްޓެވެ. އޭނާގެ ހިޔާލިތައްވެސް ގުޅިފައިވަނީ މީޝާ މެންނާއެވެ. އެކީގައި ޖެހި ސަކަރާތްތައް ހަނދާން ވާން ފެށުމުން އޭނާގެ ލޮލުން ކަރުނަ އައެވެ. އެވަގުތު މާއިޝް ކޮޓަރިއަށް ވަނެވެ. ނަމަވެސް އަޒްކާ އަކަށް އެކަމެއް ނޭނގެއެވެ. މާއިޝް މަޑު ހިނގުމެއްގައި އައިސް އަޒްކާގެ ކައިރީ ހުއްޓެލިއެވެ. "އަޒޫ ރޮނީތަ..ކިހިނެއް ވީ.." އަޒްކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި މާއިޝް ހާސްވިއެވެ. އަޒްކާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. "ކަމެއް ނުވެ.." "ކަމެއް ނުވެ ނުއެއް ރޯނެ..ބުނޭވީ ގޮތެއް.."މާއިޝް ބުންޏެވެ. "މީޝް މެން މަތިން މިސްވީ.."އަޒްކާ އެހެން ބުނެލީ މާއިޝް ބުނާނެ އެއްޗަކާއި މެދު ވިސްނަން ހުރެފައެވެ. "އެހެންވެ ތި ރޮނީ..ތިކަން ހައްލުކޮށްދީފާނަން..އާދޭ.." މާއިޝް އެހެން ބުނުމަށްފަހު އަޒްކާ ގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ. އަދި ފޯން ނަގާ މީހަކަށް ގުޅާލިއެވެ. "ފޭސް ޓައިމް ކޮށްބަ.." އެހެން ބުނުމަށްފަހު ފޯން ކަނޑާލިއެވެ. އަނެއްކާވެސް މާއިޝް ގެ ފޯން ރިންގު ވާން ފެށިއެވެ. "މީޝް..އަޒޫ މިސްވަނީ އޯ ތިމީހުން މަތިން.."މާއިޝް ވާހަކަ ދައްކަނީ މީޝާ އާއި ކަން އިނގުމުން އަޒްކާ ގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.
އިރުގަނޑަކު ވާހަކަ ދައްކަން ތިބުމަށްފަހު ފޯން ކަނޑާލީ މާއިޝް އަޒްކާ ގޮވައިގެން ބޭރަށް ދާން ބޭނުން ވެގެން އެވާހަކަ ބުނުމުންނެވެ. " މިގަޑީގަ ކޮންތާކަށް.." އަޒްކާ އެހެން އަހާލީ ގަޑި ބަލާލިއިރު 10 ޖަހާފައި ހުރުމުންނެވެ. "ބުރެއް ޖަހާލަން ދާން ކަމަށް..އަޒޫ ދާހިތް ނެތިއްޔާ އުޅޭ ދެން ނިދަން.." މާއިޝް ބުންޏެވެ. " ދާން ބޭނުން ނޫނެކޭ އެއް ނުބުނަމޭނުން..ހިނގާ ދާން.." އަޒްކާ އެހެން ބުނުމުން މާއިޝް އެނދުން ތެދުވެގެން ހިނގައިގަތެވެ.
މަޑު ދެވެއްޔެއްގައި ރަށުގެ އެކި މަގުތަކުން ސައިކަލު ދުއްވަމުން ދިޔައިރު ދެމީހުންގެ ދޭތެރޭގައި ވަނީ ހަމަ ހިމޭންކަމެވެ. "ހިނގާ އެ ގާޑީޔާ އިން އައިސްކްރީމް ބޯން.." މާއިޝް އެހެން ބުނި އަޑަށް އަޒްކާ ދިޔައީ ސިއްސައިގެންނެވެ. އަޒްކާ އާނއެކޭ ބުނުމުން ސައިކަލް ގޮސް މަޑު ކޮށްލީ ގާޑިޔާ ކުރިމައްޗަށެވެ. "ދީބަ ދެ އައިސްކޯން.." މާއިޝް ބުނެލިއެވެ. އަޒްކާ ތަންކޮޅެއް ދުރުގައި ދެއަތާ ކުޅެލަ ކުޅެލާ ހުއްޓެވެ. "އަޒޫތަ މީ.." ކުއްލިއަކަށް ފަހަތުން އިވުނީ އަޒްކާ ދަންނަ އަޑެކެވެ. ފަސް އެނބުރި ބަލާލިއިރު ހިތުގެ ހިނގުން އަވަސް ވެފައި ވަނީ އެއީ ކާކުކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުމުންނެވެ. "ހާލިދު..." އަޒްކާ އަށް ބުނެވުނެވެ.
"އަދިވެސް ހަމަ އެހާ ރީތި.." ނުލަފާ ފާޑަކަށް އަޒްކާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ހާލިދު އެހެން ބުނެލިއެވެ.
"އަޒޫ އާދެބަލަ މިކޮޅަށް.." އެވަގުތު މާއިޝް ގޮވާލިއަޑަށް އަޒްކާ އެދިމާލަށް ހިނގައިގަތެވެ. އެތަން ބަލަން ހާލިދު ފާޑަކަށް ހުއްޓެވެ. "ކާކު އެޔަކީ.." މާއިޝް ސުވާލުކޮށްލިއެވެ. އަޒްކާ އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިސްދަށަށް ޖަހާލެވުނީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާއިޝް އަށް ފެނިދާނެތީއެވެ. އަޒްކާ އެއްޗެއް ނުބުނެ ހުރުމުން ކަމެއް ވެއްޖެކަން މާއިޝް އަށް ނަގައިގަނެވުނެވެ. އިތުރަށް އެއްޗެއް ނުބުނެ މާއިޝް މަޑުކޮށްލީ ތަންކޮޅެއް ދުރަށް ޖެހިލާފައ ވާހަކަ ދެއްކުމަށެވެ. ނެގި އެއްޗިއްސަށް ރުފިޔާ ދެއްކުމަށްފަހު މާއިޝް ހިނގައިގަތެވެ. ފަހަތުން އަޒްކާވެސް ހިނގައިގަތެވެ. "އަޒޫ ދެން ބުނޭ އިނގޭ އެއީ ކާކުކަން..މިރަށުގަ އަޒޫ ދަންނަ މީހުން އުޅޭކަމެއް މަށަކަށް ނުވެސް އިނގޭ" މާއިޝް އަނެއްކާވެސް އެއީ ކާކުތޯ ސުވާލުކުރިއެވެ.
"ހާލިދު.."އަޒްކާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފައިބަންފެށިއެވެ."ހާލިދު އޭ..އެއީތަ އެމީހަކީ..ކީކޭ އޭނަ ކީ.." މާއިޝް ރުޅިގަދަވާން ފެށިއެވެ. "އޭނަ އަކަށް ނުޖެހޭނެ އެފާޑަށް މަގޭ އަންހެނުންނަށް އުނދަގޫ ކުރާކަށް..އެއުޅެނީ މަގޭގެ ހުރި ނުލަފާކަން ނުފެނިގެން އަދި..އިރެއްގެ އަޒޫ އެކަނި ވިޔަސް މިހާރު އަޒޫ އެކަންޔެއް ނުވާނެ.." މާއިޝް ރުޅިގަނޑު ފަޅައިގެންދިޔައެވެ.
އެދިޔަ ބާރު މިނުގައި އޭނާ ދިޔައީ ހާލިދު ފެނޭތޯއެވެ. ނަމަވެސް އޭނާއަށް އެހިސާބަށް ދެވުނުއިރު ހާލިދެއް ނެތެވެ. "މާއިޝް..މަޑުކޮށްބަލަ އެހަށް..ތި ރުޅި މަޑުކޮށްފަ ހިނގާބަ ގެއަށް ދާން..." އަޒްކާ މާއިޝްގެ ފަހަތުން އަންނަމުން މާއިޝް އަށް ގޮވަމުން ދިޔައެވެ. ނަމަވެސް އެއެއްވެސް އެއްޗެއް މާއިޝް އަށް އަޑުއިވުނު ހެންނެއް ހިއެއްނުވެއެވެ. އެހެންކަމުން އަޒްކާ ފަޔަށް ބާރުލާފައި ދުއްވައިގަތެވެ. އެރުޅި ގަނޑު މަތީ ހުރެގެން މާއިޝް ނުބައި ފިޔަވަޅެއް ނަގާކަށް އަޒްކާ ބޭނުމެއް ނޫނެވެ. އަޒްކާ އަށް ހިފަހައްޓާލެވުނީ ފަހަތުން މާއިޝް ގެ މެދު ހަށީގައެވެ. "މާއިޝް..ރުޅި މަޑުކޮށްބަ..އޭނަ އާއި ހުރެ އަހަރުންގެ މި އުފާވެރި ރޭ ހަރާބު ކުރަންވީ ކީއްކުރަންތަ.." އަޒްކާ މާއިޝް އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މާގިނަ އިރުތަކެއް ނުވެ މާއިޝް ހަމައަކަށް އެޅުނެވެ.
"މިހާރު ތި އައިސްކްރީމް ތަށި އޮންނާނީ އެއްކޮން މެލްޓްވެފަ.." އަޒްކާ ވާހަކަ ބަދަލުކޮށްލިއެވެ. " އެ ރަނގަޅުވާނެ..އެހެންނޫނަސް މި ބޯނީ ވިއްޔާ.." މާއިޝްވެސް ފަހަތުން ބުނެލިއެވެ. އެއާއިއެކު ދެމީހުން އެކީ ހޭންފެށިއެވެ.
"ހިނގާ މިދިމާ ބީޗަށް ދާން..ވަރަށް ރީތި ވައިޖެހޭއެބަ.." އަޒްކާ މާއިޝް ކައިރިން އެދުނެވެ. އަޒްކާ އަލަށް މާއިޝް ގެ ކައިރިން ކަމަކަށް އެދުމުން އެކަން ފުރިހަމަ ކޮށްދޭން މާއިޝް ބޭނުންވިއެވެ. އޭނާ އަޒްކާ ގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އަޒްކާވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން މާއިޝްގެ ފަހަތުން ދިޔައެވެ. މާއިޝްގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަން ފެނިފައި އަޒްކާ އަށް ހިތާއިހިތުން ޝުކުރު އަދާކޮށްލެވުނެވެ.
އެމީހުންނަށް ބީޗަށް ފޭބުނުއިރު އެކި ދިމަ ދިމާލުގައި ޖޯޑު ޖޯޑަށް އުޅޭ ކުދިން ހަރަކާތްތެރިވަމުން ދިޔައެވެ. މާއިޝް އާއި އަޒްކާވެސް ގޮސް ވެލިގަނޑުމަތީ އިއްތާލިއެވެ. މާއިޝް އޭނާގެ އަތުގައި އޮތް ކޮތަޅުން އައިސްކްރީމް ތަށި ނެގުމަށްފަހު އަޒްކާގެ އަތަށް ދިނެވެ. އެކި އެކި ވާހަކައިގައި ތިބުމަށްފަހު އަޒްކާ ގެއަށް ދާން ބޭނުން ވާހަކަ ބުނެލިއެވެ. މާއިޝް ފޯން ނަގާ ގަޑި ބަލާލިއިރު 1 ޖަހައިފިއެވެ. " ވަރަށް ލަސްވެއްޖެ ދޯ..ހިނގާ ދަމާ،،މާދަމާ އަދި ފޮޓޯ ނަގަންދާން ޕްލޭންކޮށްފަ އިންނާނީވެސް.." އަނެއްކާވެސް މާއިޝް އަޒްކާ ބޭނުންވެފައި ހުރި ކަމެއްގެ ވާހަކަ ބުނެލިއެވެ. ހީވާކަހަލައެވެ. އޭނާ އެއުޅެނީ އަޒްކާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭށެވެ.
އެކުދިންނަށް ގެއާއި ހިސާބަށް ދެވުނުއިރު އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. މާއިޝް އަޒްކާގެ އުނަގަނޑުގައި ހިފާ އޭނާ އާއި ކައިރިއަށް ދަމައިގަތެވެ. މާއިޝްގެ އެ ހަރަކާތުން އަޒްކާގެ މޫނު ރަތްވެގެން ދިޔައެވެ. އެވަގުތު ފަހަތުން މީހަކު ހުރަސްކޮށްލިހެން ހީވެގެން އަޒްކާ ފަހަތް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. " ކިހިނެއްވީ.." މާއިޝް އަހާލިއެވެ. " މީހެއް ދުޔަހެން ހީވެގެން.." އަޒްކާ ބުންޏެވެ. " ތިވާނީ އަޒޫ އަށް ހީވިގޮތެއް ކަމަށް.." މާއިޝް ބުނެލިއެވެ. އެތާނގައި އެދެމީހުންނޫން އިތުރު މީހަކު ފެންނަން ނެތުމުން އަޒްކާއަށް ވެސް ގަބޫލުކުރެވުނީ އެއީ އޭނާއަށް ހީވި ގޮތެއް ކަމަށެވެ. އެހެންކަމުން އެކަމާ މާބޮޑަށް އަޅާނުލާ ދެކުދިން އެތެރެއަށް މިސްރާބުޖެހިއެވެ.
އަޒްކާ ފާހަނާއަށް ވަދެ ހެދުން ބަދަލުކޮށްގެން ނިކުން އިރު ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އެނދުގައި މާއިޝް އޮތެވެ.
"ކަމެއްވެފަތަ ތިއޮތީ.." ރީތިވާ މޭޒާއި ދިމާލަށް ހިނގައިގަންނަމުން އަޒްކާ މާއިޝް އާއި ވާހަކަ ދެއްކިއެވެ. އެއަޑަށް މާއިޝް އެދިމާލަށް ބަލާލިއެވެ. އަޒްކާއަށް ލޯގަނޑު ކައިރިއަށް ދެވުނު އިރުވެސް މާއިޝް އަށް އަޒްކާ އާއި ދިމާލަށް ބަލަހައްޓައިގެން އޮވެވުނީއެވެ. ގަޔަށް ބާރު އަތް ކުރު ޓީޝާޓަކާއި ކުރު ސޯޓުކޮޅެއް ލާފައި ހުރިއިރު އަޒްކާގެ އެހަށިގަނޑުގެ ވަނާތަށް ކިތަންމެ ރީއްޗަކަށްވެސް އިނގެއެވެ.
"މާއިޝް.." މާއިޝްގެ ޖަވާބެއް ނުލިމުން އަޒްކާ އަނެއްކާވެސް މާއިޝް އަށް ގޮވާލިއެވެ. "ނޫން ކަމެއްނުވޭ..އަޒޫ އަންނަންދެން އޮތީ ހަމަ..އަވަސް ކޮށްލައިގެން އަންނަގަ ނިދަން.." މާއިޝް ބުންޏެވެ. އަޒްކާވެސް އަވަސް އަވަހަށް ބޮލުގައި ފުނާ ކާތާލުމަށްފަހު ގޮސް މާއިޝްގެ މަގަތުގައި އޮއްތާލިއެވެ. "ގުޑް ނައިޓް.." އެހެން ބުނުމަށްފަހު އަޒްކާ ލޯމަރާލީ ވެފައިވާ ވަރުބަލީގެ ސަބަބުން ހަށިގަނޑަށް އަރާމެއް ހޯދާލުމަށެވެ. މާގިނަ އިރު ތަކެއް ނުވެ އޭނާއަށް ނިދުނެވެ.
"ނޫން..މާއިޝްއަށް އެހެން ނުހަދާ..އޭނަ ދޫކޮށްލައި.." އަޒްކާ ރޮމުން ނިދީގައި ވާހަކަ ދައްކާ އަޑަށް މާއިޝްއަށް ހޭލެވުނެވެ. އޭނާ އަޒްކާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލުމަށްފަހު ގޮވާލިއެވެ. "އަޒޫ..ކިހިނެއްވީ..ހޭލަބަ..މަ މިހިރީ އޭ.." މާއިޝް އަށް އެހެން ބުނެވުނު ތަނާ އަޒްކާއަށް ހޭލެވުނެވެ. އޭނާ ފުންމައިގެން ތެދުވެ މާއިޝްގެ ގައިގައި އޮޅުލައިގަތެވެ. " މާއިޝް އޯކޭތަ.." އަޒްކާ ރޮމުން ވާހަކަ ދެއްކިއެވެ. " މަ އޯކޭ އޭ..އަޒޫ އަށް ހުވަފެނެއް ފެނުނީއޭ..ހަމަޖެހިލަބަލަ.."މާއިޝް އަޒްކާގެ ގައިގައި ބައްދާލައިގެން އިނދެ އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އަޒޫ ދެން ހުއްޓާލަބަ..މަ މިހިރީ އަޒޫ ކައިރީގަ އެއްނުން..މަށަކަށް ކަމެއް ނުވެޔޭ.." އަދިވެސް އަޒްކާ ގެ ގިސްލުމުގެ އަޑު މާއިޝް އަށް އިވެމުން ދިޔައެވެ. "ހިނގާ ދެން ނިދާލަން..މަ އިންނާނަން އަޒޫ ކައިރީ..މަ ނުދާނަމޭ.." މާއިޝް އަޒްކާ އެނދުގައި ބާއްވާލުމަށްފަހު އޭނާގެ މަގަތުގައި އިށީންދެލައިގެން އިނެވެ. އަޒްކާގެ ގައިގައި ހުރި މަޑު ތުރު ތުރުލުމުން އޭނާ ބިރުގަނެފައި ހުރިވަރު ފާހަގަވިއެވެ. އޭނާ މާއިޝްގެ އަތުގައި ހިފަހައްޓާލައިގެން އޮވެ ލޯމަރާލިއެވެ. މާގިނަ އިރުތަކެއް ނުވެ އަޒްކާއަށް ނިދުނެވެ. މާއިޝްވެސް މަޑުމަޑުން އަޒްކާގެ ކައިރީ އޮށޯވެލާ ލޯމަރާލިއެވެ.
- ނުނިމޭ
ވަރަށް ރީތި. ނެކްސްޓް ޕާޓް އަވަހަށް ލައިދީބަލަ.