ޝައްކެއް ނެތް މިންވަރަށް ވައިގެ އުދުހުންތަކުގެ އަގު، އަދިވެސް އުފުލޭނެ ކަމުގެ އިންޒާރު، ވައިގެ އުދުހުންތަކުގެ ސިނާއަތުގެ އިސް އޮފިޝަލަކު ދެއްވައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ފަހު އިގުތިސޯދުތައް އަލުން ހިންގައިގަންނަން ފެށުމާއި ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލިފައެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ ބެހޭ ޖަމިއްޔާ (އަޔާޓާ) ގެ ޑައިރެކްޓާ ޖެނެރަލް ވިލީ ވޯލްޝް ވިދާޅުވީ އެ އަގުތައް، ވައިގެ އުދުހުންތަކުގެ ހިދުމަތް ހޯދާ ކޮންޒިއުމަރުންނަށް "ވާރުތަ" ކުރާ ކަމަށެވެ.

ބީބީސީއިން ގެނެސްދޭ "ސަންޑޭ މޯނިންގް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ބްރިޓިޝް އެއާވޭޒްގެ އިސްވެރިޔާ ކަމުގެ މަގާމުވެސް މީގެ ކުރިން އަދާ ކުރެއްވި ވޯލްޝް ވިދާޅުވީ، ވައިގެ އުދުހުންތަކުގެ އަގު އަދިވެސް އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް، ޗުއްޓީ ހޭދަ ކުރާ ފަރާތްތަކުން ތައްޔާރު ވެ ތިބެގެން ޖެހޭ ކަމަށެވެ.

ތެލުގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަން ފާހަގަ ކުރައްވަމުން ވޯލްޝް ވަނީ، ތެލުގެ އަގަކީ، އެއް ކަމެއްގެ ވައިގެ އުދުހުންތަކުގެ އަގުތައް އެންމެ ބޮޑަށް ބަރޯސާވާ ކަންތައް ކަމުގައި ވިދާޅުވެފައެވެ. ތެލުގެ އަގުތައް އުފުލެމުން ދާ ވަރަކަށް، ޝައްކެއްވެސް ނެތް ގޮތުގައި، އެ އަގުތައް ފޯރަމުންދާނީ ޓިކެޓް އަގުގެ ގޮތުގައި ކޮންޒިއުމަރުންނާ ހިއްސާބަށް ކަމަށް ވޯލްޝް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ބައެއް އެއާޕޯޓްތައް ތޮއްޖެހޭ މިންވަރަށް ކަސްޓަމަރުން ހިދުމަތަށް އެދެމުންދާ ދުވަސްވަރެއް ކަން ފާހަގަ ކުރައްވަމުން ވޯލްޝްވަނީ، އެކަށީގެންވާ މިންވަރަށް ހިދުމަތް ނުދެވޭ އެއާޕޯޓްތަކުން މިހާރުން މިހާރަށް ޝެޑިއުލްތަކަށް ބަދަލު ގެނައުމަށް ގޮވާލައްވާފައެވެ.

މި މޭރުމުން ވޯލްޝް ވަނީ އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓްގެ ނަން ފާހަގަ ކުރައްވާފައެވެ. މަތިންދާބޯޓުތަކަށް ތެޔޮ އެޅުމާއި ބެގޭޖް ހޭންޑްލިންގްގެ ނިޒާމަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ހީތުރޯ އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަސެންޖަރުންތަކެއް ތާށިވެ، އެތައް ފްލައިޓެއް ކެންސަލްވި މަންޒަރު، ދާދި ފަހުން ވަނީ ފެނިފައެވެ.

ވޯލްޝްގެ ވާހަކަތަކަށް ހީތުރޯއިން ވަނީ ރައްދު ދީފައެވެ. އެގޮތުން މި ދަނޑިވަޅަކީ އިންތިހާއަށް ޑިމާންޑްގެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށް ހީތުރޯ އެއާޕޯޓުގެ ތަރުޖަމާނު ވަނީ ފާހަގަ ކުރައްވާފައެވެ.