އީދު ބަންދާ ދިމާކޮށް ފުލުހުން ހިންގި އޮޕަރޭޝަންތަކަކުން ކ. ހިންމަފުށި، އަދި ގއ. ވިލިނގިލީ އިން ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ތަކަކީ އީދު ބަންދާ ދިމާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށެވެ. މިގޮތުން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއްގެ ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ގއ. ވިލިނގިލީގައި ޖުލައި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރި އިރު ހަ ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހު 7 ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ. މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެެވެ.

ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.