ގައުމުގެ އާންމު މަސްރަހު ގޯހުން ގޯހަށް ގޮސް، ޖުލައި 13 ވަނަ ދުވަހު ރައީސް ކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަން އިއުލާން ކޮށްފައި ވާ، ސްރީލަންކާއަށް ދުރު ރާސްތާގެ ހައްލު ހޯދުމަށް މިހާރުން މިހާރަށް މަސައްކަތް ފެށުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
ރައީސް ކަމުގެ މަގާމުން ފައިބާވަޑައިގަންނަވަން ގޮތަބަޔާ ނިންމަވާފައި މި ވަނީ، އެ ގައުމުގެ ތާރީހު ދުށް އެންމެ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިންނެވެ. ސްރީލަންކާގެ މިނިވަން ކަމުގެ ތާރީހު ދެކެފައި ނުވާ އިގުތިސޯދީ އަދި މާލީ ހީނަރުކަމާއި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސްރީލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ، ބޮޑެތި ގެއްލުންތަކެއްވެސް ދީފައެވެ.
ނޫސްވެރިންނަށްވެސް އިންޒާރު ދެމުން ދިޔަ މުޒާހަރާގެ ބައިވެރިންގެ އަމަލުތައް، އެމެރިކާއިން ވަނީ ކުށްވެރިވެސް ކޮށްފައެވެ.
ސްރީލަންކާގެ މަސްރަހާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ސްރީލަންކާގެ އަދުގެ ސަރުކާރުން ކަމުގައި ވިއަސް ނުވަތަ ދެން އަންނަ ސަރުކާރުކާރަކުން ކަމުގައި ވިއަސް، ދުރު ރާސްތާގެ އިގުތިސޯދީ ހަމަޖެހުން ކަށަވަރު ކުރަނިވި ހައްލުތަކެއް ހޯދުމަށް، ވީ އެންމެ އަވަހަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހަކަތައާއި ކާބޯތަކެތި ލިބުން ދަތިވެ، ސްރީލަންކާގެ އާންމު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ނުތަނަވަސްކަމަށް ހައްލު ހޯދާ ދިނުމަށްވެސް އެ ސަރުކާރަކުން މަސައްކަތް ކުރުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ ސުޕާޕަވަރުންގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާއާއި ޗައިނާއިން ވަނީ ސްރީލަންކާގެ ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން އިއުލާން ކޮށްފައެވެ.
ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވާފައިވާ ގޮތަބަޔާ އަކީ، ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ހަތުރުވެރި 2 ބާރު ކަމުގައި ވާ އެމެރިކާއާއި ޗައިނާގެ ސަރުކާރާއެކުވެސް ގާތް ގުޅުމެއް ބާއްވަވާ ލީޑަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
ސްރީލަންކާގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވޭ މި ދަނޑިވަޅަކީ، އެ ގައުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާއާއެކުގައިވެސް މަޝްވަރާތަކެއް ކުރިއަށް ދާ ދަނޑިވަޅެކެވެ. އެ އިދާރާއިން ވަނީ ސްރީލަންކާގެ ވުޒާރާތަކާ ގުޅިގެން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަން ހާމަ ކޮށްފައެވެ.