ސަރުކާރުން ބޯހަރުކަން ދައްކައި ދެވަނަ ލަންކާއަށް ރާއްޖެ ނުހަދުމަށާއި އީދު ޗުއްޓީ ނިމޭ އިރު ތަކެތީގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ޖޭޕީ މޯގަންގެ "ރިސެޕްޝަނިސްޓުން" ޔޫއެސް އިގްތިސާދު ނުރައްކާވެއްޖެ ކަމަށް ބުނާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ޗާޕް މެޝިން ކަމަށް ވިދާޅުވެ ފާޑު ކިޔުއްވާފައެވެ. އަދި އެ މެޝިން ބޮޑަށް މިއީ ފައިސާ ޗާޕުކޮށްގެން ހިފެހެއްޓޭނެ ހާލަތެއްނޫން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ސައީދު، ރިޝެޕްޝަނިސްޓު ކަމަށް އެ ވިދާޅުވީ، ޖޭޕީ މޯގަން އިން ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ނެރުނު ބަޔާނަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ. ޖޭޕީ މޯގަންއިން ދިން އިންޒާރު ޑރ. މައުސޫމް ސިފަކުރައްވާފައި ވަނީ އެއީ ޖޭޕީ މޯގަންގެ ރިޝެޕްޝަންގައި އިންނަ ކުއްޖެއްގެ އިންޒާރެއްގެ ގޮތުގައެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ، ޖޭޕީ މޯގަންގެ އިންޒާރަކީ ސީރިއަސް އިންޒާރެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ، ޖޭޕީ މޯގަނުން ނެރޭ ބަޔާންތައް ނޫސްތަކުން ފެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ރަސްމީ ސިފައެއްގައި ޖޭޕީ މޯގަނުން ސަރުކާރާ މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރާ ޖޭޕީ މޯގަން އާވެސް އަދި އެހެން އިދާރާތަކާވެސް ވާހަކަ ދެކެވޭ ކަމަށާއި، ރާއްޖޭގެ އިގްތިސޯދީ ކުރިމަގު އޮތީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.

ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވެ އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްސްތައް ބޮޑުކުރަން ނިންމާފައި ވާތީ އިގްތިސޯދީ މާހިރުންނާއި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ދާދިފަހުން ފިނޭންސް މިނިސްޓަރު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު އިތުރަށް ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.