ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ދަތިކަމާ ހުރެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އިއްޔެ، ރިޔާސީ ގަނޑުވަރަށް ވަދެގެންފައި ވަނިކޮށް އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ.
ގޯތަބަޔާ މިކަން ހާމަ ކުރެއްވި ކަން އިއުލާން ކުރެއްވީ، އެގަމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއެވެ. މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ ވިދާޅުވީ، ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވަނީ، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލުވެގެން ދާން ބޭނުންފުޅުވާތީ ކަމަށެވެ. އަދި އާންމު ރައްޔިތުން ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށްވެސް ޔާޕާ ވަނީ ވިދާޅުވެފައެވެ.
ލަންކާގައި ތެލާއި، ކާބޯތަކެއްޗާައި ބޭހަށް ޖެހި އިގުތިސޯދީ އާންމު ހާލަތު އިންތިހާއަށް ދަށަށް ގޮސްފައި ވާ މި ދަނޑިވަޅުގައި އެގައުމުގައި މުޒާހަރާ ކުރާ އާންމުން އިއްޔެ ވަނީ ރައީސްގެ ގަނޑުވަރަށް ވަދެ އެތަން ހިސޯރު ކޮށްފައެވެ. އިއްޔެ ގަނޑުވަރަށް ވަނުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައި ވަނީ، ލަންކާ މިއަދު ދެކެމުން ދަނީ މީގެ 70 އަހަރުގެ ކުރީގެ ތާރީހުގައިވެސް އެގައުމު ނުދެކޭ ވަރުގެ ތަދުމަޑުކަމެއް ކަމަށެވެ.
ސަރުކާރުން ޕެޓްރޯލް ކޮންޓްރޯލް ކުރުމާއެކު އަމިއްލަ އުޅަނދުތައް ދުއްވާ މީހުން ހަފްތާ، ދެހަފްތާ ވަންދެން ކިޔޫގައި ތިބެން ވަނީ ޖެހިފައެވެ. ގައުމުގައި ހުރި ބޭރުފައިސާ އެކަންހެން ހުސްވެ ގައުމު ވަނީ އިނދަޖެހިފައެވެ. އަސާސީ ބޭހާއި ކާބޯތަކެއްޗަށް ޖެހި ބޭރުގެ އެހީ ލިބުމުގައިވެސް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.
ކޮވިޑާ ގުޅިގެން ލަންކާ ބަންދުކޮށްފައި އޮއްވައި ބޯމަތިވި މި އިގްތިސޯދީ ކާރިސާގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން ވަނީ ކޮޅުންލައިފައެވެ. އިއްޔެ ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތާނގެ ސްވިމިގްޕޫލުގައި ފަތާ، ބަދިގެއަށް ވަދެ ތެލިތަށި ހާވާ ހަދާ، އެކިއެކި ކޮޓަރިތަކަށް ވަދެ އަންނައުޅުނާ އެއްޗެހި ހާވާ ހަދާފައި ވެއެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެތާ ހުޅުޖަހާ ރޯކޮށްލާފައިވެސް ވެއެވެ.
އިއްޔެގެ މިހާދިސާ ހިނގި އިރު، ރައީސް ގޮތަބަޔާ ވަނީ ރައްކާތެރިކަމާއެކު އަސްކަރީ މަރުކަޒަކަށް ވަޑައިގެންފައެވެ. ރަނިލް ވަޑައިގެންނެވި ތަނެއް ސާފު ނުވިނަމަވެސް، ރައްކާތެރި ތަނަކަށް ބަދަލު ކުރެވިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
ލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތަ ހުރެ، ރަނިލްގެ ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައަށްވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތެވެ. އާންމުން ނިކުމެ އޭރު ހިންގި ހަމނުޖެހުންތަކުގައި މަޖިލީހުގެ ބައެއް މެންބަރުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދީ، ރޯކޮށް ހަދާފައި ވެއެވެ. އަދި އެ ހަމަނުޖެހުންތަކުގައި ބައެއް މީހުންގެ ފުރާނަ ގޮސްގައިވާކަންވެސް ފާހަގަ ކުރެވެއެވެ.