ސްރީލަންކާގައި އާންމުން ނިކުމެ ރައީސްގެ ގަނދުވަރު ހިފާފައިވަނިކޮށް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާ، ހުރިހާ ޕާޓީތަކެއް އެއްބަސްވާ ވެރިކަމެއް ގާއިމު ކުރަން ރަނިލް އެއްބަސްވެވަޑައިގެންފިއެވެ.

ލަންކާގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން އެކަމަށް ރަނިލް ވިކްރަމަސިންގްހާ އެއްބަސްވެވަޑައިގަތީ ޕާޓީތަކުގެ މަޝްވަރާއަށް ފަހުގައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ އެގައުމުގެ މަޖިލިސް ކުރާގޭގެ ރައީސްގެ ގެކޮޅުގައި ޒޫމް މެދުވެރިކޮށެވެ.

ލަންކާގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ބޭއްވި އެ ބައްދަލުުމުގައި އިދިކޮޅު ޕާޓީގެ ލީޑަރު އާލާސްކަންފުޅަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެ ބައްދަލުވުމުގައި ގިނަ ޕާތީތަކުން ހުށަހެޅީ، ރައީސް އާއި ބޮޑުވަޒީރު މިހާރުން މިހާރަށް އިސްތިއުފާ ދެއްވާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ގާއިމު ކުރެވެންދެން ވަގުތީ ގޮތުން މަޖިލީހުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށެވެ. އެ ބައްދަލުވުމުގައި، ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސެނާގެ ހުށަހެޅުއްވުމަކީ އެއީއެވެ.

ލަންކާގެ މަޝްރަހު ހޫނުވެ، މުޒާހަރާ ކުރާ މީހުން ރައީސްގެ ގަނޑުވަރަށް މިއަދު ވަދެގަނެ އެތަނުގެ ކޮންޓްރޯލް ނަގާފައި ވާއިރު އެމީހުން ވަނީ ގަނޑުވަރުގެ ސްވިމިންޕޫލަށް އެރި ފަތާ، ބަދިގެއަށް ވަދެ އެތާ ހުރި ތަކެއްޗާ އެއްޗެހި ބަލާ ހަދާފައެވެ. އަދި ރައީސްގެ ނިދާކޮޓަރިކޮޅާ ތަންތަނަށް ވަދެ އަންނައުނުތައް ހާވާ ހަދާތަން ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.

ލަންކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ރައީސް ގޮތަބަޔާ ތާޖަޕަކްސަ މިހާރު ވަނީ ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ލަންކާގައި ދިގުލައި ގޮސްފައިވާ މުޒާހަރާތަކާއި ހަމަނުޖެހުންތަކަކީ، އެގައުމަށް އިގްތިސޯދީ ގޮތުން ދިމާވެފައި ވާ ތަދުމަޑުކަމެވެ. ތެޔޮ ލިބުން ދަތިވެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމަށް ބުރޫ އަރާ ގައުމުގެ ހާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. މިއާއެކު އުފެދިގެން ދިޔަ ހަމަނުޖެހުންތަކުގައި ގޮތަބަޔާ ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުންގެ ގެދޮރުގައި ރޯކޮށް، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުން ދިނުމުގެ އިތުރުން، ސިޔާސީ ބައެއް ފަރާތްތަކާއި، ބައެއް އާންމުން މަރުވެފައިވެސް ވެއެވެ.