ނ. ހެނބަދޫއިން ގެއްލިގެން ހޯދަމުންދާ އިބްރާހިމް ރާމިޒް ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ފެނިގެން އެ ރަށުގެ ކައުންސިލަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ ރާމިޒު އެންމެފަހުން ފެނިފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އާއި 7 އިރާ ދެމެދު ސިނގިރޭޓް ފޮއްޓެއް ގަންނަން ފިހާރައަކަށް ދިޔައިރު ކަމަށެވެ. އަދި އެއަށްފަހު ވީނުވީއެއް ނޭނގޭ ކަމަށެވެ.
ހުސައިން ވިދާޅުވީ ބޮޑަށް ބެލެވެނީ އެއްގަމުގައި އޮތް ރާމިޒްގެ ބައްޕަގެ ކެނޯގައި ދަތުރުކުރި ކަމަށާއި ސަބަބަކީ އެ ކެނޯ ރަށުގަ ނެތުމާއެކު ކެނޯ ބޭލުމަށް ދަމައިފާ ގެންދިޔަ ރޮނގުވެސް ފެންނަ ހުރުމުން ކަމަށެވެ. މީގެ އިތުރުން ރާމިޒުއާ އެއްކޮށް އެދުވަހު އުޅުނު ރައްޓެއްސެއްގެ ގާތުގައި ކެނދިކުޅުދޫއަށްދާން ބުނި ކަމަށްވެސްވެއެވެ.
ހެނބަދޫއިން ފުރައިގެން ކެނޯއެއްގައި 10 ވަރަކަށް މިނެޓު ތެރޭގައި ކެނދިކުޅުދޫއަށް ދެވޭއިރު ރާމިޒު ދަތުރުކުރި ކަމަށް ވަރަށް ބެލެވޭ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ދެކުނުގެ ރަށެއްގައި ވަޒީފާގައި އުޅުމަށްފަހު ރާމިޒު ރަށަށް އައިފަހުން އަދި ވީ 4 ވަރަކަށް ދުވަސް ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އާ ވާހަކަަދެއްކި ހެނބަދޫ މީހަކު ބުނީ ރާމިޒަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށާއި ގެއްލުމުގެ ކުރިން އޭނާއާ އެންމެ ފަހުން ދިމާވި މީހުންވެސް އޭނާ މަސްތުވެފައިވާކަން ފާހަގަކުރި ކަމަށެވެ. އަދި ރާމިޒު ދަތުރުކުރީ މަސްތުވާތަކެތީގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.