ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމުގެ ހިތާމައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތުގައި ހިނގި އެ ހާދިސާގައި އަބޭ އަވަހާރަވެފައި ވަނީ ކެމްޕެއިން އިވެންޓެއްގައި ޖަޕާންގެ ސިޓީއެއް ކަމަށްވާ ނާރާގައި ތަގްރީރު ކުރައްވަން ހުންނަވަނިކޮށް، މީހަކު ދިން ބަޑީގެ ހަމަލައަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށެވެ.
އަބޭ އަވަހާރަވުމާ ގުޅިގެން ޖަޕާންގެ މިހާރުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯ އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، އެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި:
- އަބޭ އަކީ ޖަޕާނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް
- އަބޭގެ ބޮޑުވަޒީރު ކަމުގައި ކުރިން ބަދަހިވެފައި ނުވާ މިންވަރަށް ސިޔާސީ އަދި އިގްތިސޯދީ ގުޅުން ދެ ގައުމުގެ ދެމެދުގައި ގާއިމްވެގެން ދިޔަ
ޝާހިދު ވިދާޅުވީ، އަބޭ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި، ދުނިޔޭގެ ފެންވަރުގައި ވެސް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވަކާލާތު ކުރެއްވި ބޭފުޅެއް ކަމަށެވެ.
އެ ހަމަލާ ކުށްވެރި ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެ އަމަލަކީ ތަހުޒީބީ މުޖުތަމައެއްގައި ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި ހަމަލަދިނުން އިސްކުރުމުން އެދެވޭ ނަތީޖާއެއް އެއްވެސް ކަމެއްގައި ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަޑީގެ ހަމަލައަށް ފަހު އަބޭ ވެއްޓިވަޑައިގެންނެވި އިރު، އެ ވަގުތު އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަބޭގެ ހަށިކޮޅުން އެވަގުތު ލޭ ފައިބަމުން ދިޔައެވެ.
އަބޭ އަށް ދިން ބަޑީގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ނާރާގެ ރަށްވެއްސެކެވެ. ހަބަރު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ޖަޕާންގެ ނޭވީގައި ކުރިން މަސައްކަތް ކުރި މީހެކެވެ. އަދި އަބޭ އަށް އޭނާ ހަމަލަ ދީފައި ވަނީ އަމިއްލައަށް ހަދާފައިވާ ބަޑިއަކުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ.