މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އަރަފާތު ބިމަށް ހިނގައްޖެއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ސަރުކާރުން އެކުލަވާލި ހައްޖު މިޝަން އިން ބުނީ މިއަދު ހެނދުނު މައްކާ ގަޑިން 9 ޖެހި އިރު ރާއްޖެ ގަޑިން 11 ޖެހިއިރު ހައްޖުވެރިން އަރަފާތު ބިމައް އައިސްފައި ކަމަށެވެ. އަދި ދިވެހި ހުރިހާ ހައްޖު ވެރިން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް ހައްޖު މިޝަން އިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދެއެވެ.

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ.

ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ހައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.