ކުރިއަށް ހުރި ދުވަސްތަކުގައި ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސްޕީޑްރަން ބޭނުންކުރަން ނިންމާފައިވާ ކަން ފުލުހުން ހާމަކޮށްފިއެވެ.

އެކަން ހާމަ ކުރައްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ހުޅުމާލެ ފޭސް 1، ޗީފް އިންސްޕެކްޓަރު އަބްދުލްމަތީން އަބްދުލްކަރީމް ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގައި ހުޅުމާލޭގެ މަގުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ވަކި ވަގުތުތެއްގައި ވީސީޕީ ސްޕީޑްރަން ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

އަބްދުލްމަތީން ވިދާޅުވި ގޮތުގައި، ސްޕީޑްރަން އަށް ބެލުމަށް ފަހު:

  • އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ
  • އެވަގުތު ނުހުއްޓޭ ވެހިކަލްތައް ވީޑިއޯ ބަލައިގެން ފަހުގެ މަރުހަލާގައި ގެނެސްގެން ފިޔަވަޅު އަޅާނެ

މިހާރު ވެސް ސްޕީޑްރަންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

"އޭގެ އިތުރަށް، މާލޭގެ ޓްރެފިކަށް މިހާރު އަންނަ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން މިކަންތައްތައް ތަރުތީބުކޮށްގެން މަސައްކަތްތައް ކުރަމުން ދާނެ ވާހަކަ ވެސް އަޅުގަނޑު ފާހަގަކޮށްލަން." އަބްދުލްމަންނާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އަބްދުލްމަތީން ވިދާޅުވީ، މާލެއާއި ހުޅުމާލެ އާ ދެމެދު ދުއްވާ ބަސްތަކަށް އުނދަގުވާ ގޮތަށް ބައެއް ފަރާތްތަކުން ކާރު ފަދަ އުޅަނދު ފަހަރު ޕާކްކުރަމުންދާ މައްސަލަ މަދުން ނަމަވެސް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މީގެ ސަބަބުން ހަމަ ބަހުގަ ލޭނަށް މަގަށް ބޮޑަށް ނިކުންނަން ޖެހުމުގެ ސަބަބުން ދެން ދުއްވާ އެހެން ފަރާތްތަކަށް މީގެ ދަތިތަކެއް އެބަ އާދޭ." އަބްދުލްމަންނާން ވިދާޅުވިއެވެ.

އެހެންވެ، ބަސްތަކަށް އުނދަގޫ ނުވާނެހެން ޕާކް ކުރުމަށާއި، އެކަމަށް އިތުރަށް ސަމަލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ހަމަ އެއާއެކު، މަގުމަތީގައި ދުވެ ކަސްރަތު ބުރު ޖަހާ މީހުން ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޒިބިލިޓީ ހައި ޓީޝާޓު ލުމަށް އޭނާ އިލްތިމާސް ކުރައްވާފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 828 އެކްސިޑެންޓެއް ހިނގާފައިވާއިރު، މިއަހަރު އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާޗު މަހުގައެވެ. އެގޮތުން 158 މަގުމަތީ އެކްސިޑެންޓެއް މިދިޔަ މާޗު މަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މާލޭގެ މަގުތަކުގައި، އަދި ވަކިން ހާއްސަކޮށް ހުޅުމާލޭގެ މަގުތަކާއި ބްރިޖް މަތީގައި ކަނޑައަޅާފައިވާ ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި، އަދި ބަހެއްގައި ޖެހި އެކްސިޑެންޓެއްގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔައިރު، އެކަކު ވަނީ މަރުވެފައެވެ.