މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.

މިނާއަށް ހައްޖުވެރިން ދިޔައީ މިއަދުގެ ހެނދުނު ރާއްޖެ ގަޑިން 8 ޖެހިއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދޭ ކަަމަށެވެ.

ހައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ.

ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ހައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.