ސަރުކާރުން ޖަހާ ހިސާބު ބަލައި ނުގަނެވޭ ކަމަށާއި އެ ދިމާވެސް ނުވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކޮށްފައި ހަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށާއި އަދި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

އަޅުގަނޑަކީ އެމްޑީޕީގެ ރައީސް، އަދި އެމްޑީޕީގެ އެމްޕީއެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭ، ދިމައެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ މި ކަންކަން ގާތުން ނުބައްލަވާތީ މިހެން ވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެކަން އެގޮތަށް ދިމާވަނީ އެކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާތުން ނުބައްލަވާތީ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކައަށް ގްރޫޕްގައި ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރާ ހާލަތަށް ރާއްޖެ އަދި ނުދާ ކަަމަށާއި މިކަން ރަނގަޅަށް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ރާއްޖެއަށް ހާލަތު އައީ ދަރަނި ރީސްޓްރަކްޗާ ނުކޮށްގެން ނޫން ކަމަށާއި ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިޔުމުން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މި އަހަރު ނިމޭ އިރު ކޮވިޑް ހާލަތުން އަރައިގަނެވޭނެ ކަމަށާއި، އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ހަރަދު ކުޑަކުރުމާ މެދު އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށާއި ކަންކަން ކުރުމަށް ފަހު ވަކި މީހެއްގެ ބޮލުގައި އަޅުވަން ނޫޅުއްވާ ކަމަށެވެ.