ފޮށީގެ ފުރޮޅު ތެރެއަށް އަޅައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ސާބިތު ނުވާ ކަމަށް ހުކުމްކުރީ ޕާކިސްތާނު މީހެއް ކަމަށްވާ މުހައްމަދު އިމްރާންގެ މައްޗަށެވެ.
2017 ވަނަ އަހަރު އޭނާ ރާއްޖެއައިއިރު އޭނާގެ ލަގެޖުގެ ފުރޮޅުގެ ތެރެއަށް 360 ގްރާމް މަސްތުވާތަކެތި ވަނީ ފެނިފައެވެ. ކަސްޓަމްސްއިން އޭނާ ލަގެޖުގެ ފުރޮޅު ފަށްކުރީ ފުރޮޅުގައި ތަފާތު ކަމެއް ހުރުމުގެ ސަބަބުންނެވެ.
އެމައްސަލާގައި އޭނާ ވަނީ އެއީ އެހެން މީހަކު ހަވާލުކުރި ފޮއްޓެއް ކަމަށް ބުނެފައެވެ. އެމީހާ ހޯދިފައި ނުވާއިރު އެ މަސްތުވާތަކެއްޗާ ހަވާލުވާން މީހަކު އާދޭތޯ ބެލުމަށްފަހު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
މިމައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، އެ ފުރޮޅު ތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭކަމުގެ ހެއްކެއް ނެތް ކަމަށެވެ. މީގެ އިތުރުން އެ މީހާގެ ފޯނު ފުލުހުންގެ ތަހުގީގުގައި ތަހުލީލު ކޮށްފައި ނުވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.
ހަމައެހެންމެ ފޮށީގެ ފުރޮޅަށް ބަދަލު ގެނެސްފައިވާކަން ކަސްޓަމްސް އޮފިސަރުންނަށް އެނގޭހާ ފަސޭހައިން އާންމު މީހަކަށް ނޭނގިދާނެ ކަމަށް ވެސް އެހުކުމުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ހުރި ހުކުމުގައި ބުނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ ދައުލަތުން އެކަންކަން ސާބިތުކޮށް ދީފައިނުވާތީ ކަމަށެވެ.