ބޮމުގެ އިންޒާރު ތަކަކާ ގުޅިގެން މާލެ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ސިފައިން ހަތިޔާރާއެކު ހިންގި އޮޕަރޭޝަން ނިންމާލައިފިއެވެ.
ބޮމުގެ އިންޒާރު ދީފައިވަނީ ގޮތްނޭނގޭ މީހަކު މާލެ ސިޓީ ކައުންސިލް ޕޯޓަލް މެދުވެރިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ އިންޒާރުގައި "ބޮމެއް ދަބަހަކަށްލާފައި ރަޝިއާގެ ކޮންސިއުލޭޓްގައި އޮންނާނެ ކަމަށް" ބުނެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިއެވެ.
މިއާއެކު ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ކައިރީއަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ސިފައިން ބަންދުކޮށްގެން ވަނީ ފޯރި މަރާފައެވެ. އަދި ކްރިމިނަލް ކޯޓު ކައިރިން އޯކިޑް މަގާއި ސުޕްރީމް ކޯޓު ކައިރީގައި އޮންނަ ހަނި ގޯޅިގަނޑެއް ވެސް ސިފައިން ވަނީ ބަންދުކޮށްފައެވެ. އެއީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުރައިދޫގެ ވެސް ހުންނަ ސަރަހައްދެވެ.
ސިފައިންގެ ބޮން ނައްތާލާ ޔުނިޓުގެ އޮފިސަރުން މާލެތެރޭގައި ހަރަކާތްތެރި ވި އިރު ބޮން ނައްތާލުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ވެސް ސިފައިން ބޭނުންކުރިއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފަހުގެ މައުލޫމަތު ދެމުން ސިފައިން ބުނީ، ނުރައްކާތެރި ކަމަށް ބެލެވޭ ގޮތް ނޭނގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހަރަކާތްތެރި ކަމަށާއި ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީން ކުރެވިފައި ވާ ކަމަށެވެ.