ސަރުކާރުން ފިޔަވަޅު އަޅާފަ ނެތް ނަމަ، އިންފްލޭޝަން ރޭޓް އިތުރުވެ، އިގްތިސޯދު ކުރިއަރައިގެން ނުދާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ފިޔަވަޅުތަކެއް އަޅާފައި ނުވާނަމަ، ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނީ ލަފާކުރި މިންވަރަށް ވުރެ މަތީގައި ކަމަށެވެ.

އެގޮތުން މިނިސްޓަރު މިސާލަކަށް ނެންގެވީ ރާއްޖެއަށް އެސްޓީއޯއިން އެތެރެކުރާ ތެލެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ތެޔޮ އެތެރެކުރަނީ 18 ރުފިޔާ ނުވަތަ 19 ރުފިޔާ އަށެވެ. އަދި ތެޔޮ ލީޓަރެއް 16 ރުފިޔާ އަށް ވިއްކާއިރު، އޭގެ ކުރިން 17 ރުފިޔާ އަށް ވެސް އަގުބޮޑުކޮށް ތެޔޮ ވިއްކި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އެ ފިޔަވަޅުތަކެއް އެޅީމަ އިންފްލޭޝަން އަސްލު ހަގީގަތުގަ ހުންނަންވާ ވަރަށް ވުރެ މައްޗަށް ނުދަނީ."
އިބްރާހީމް އަމީރު | ފިނޭންސް މިނިސްޓަރު

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެމްއެމްއޭގެ އޯވަނައިޓް ޑެޕޮސިޓް ފެސިލިޓީއަށް ބަލާއިރު، އެ ފެސިލިޓީގައި ފަންޑު އެބަހުރި ކަމަށާއި، ބޭންކިން ނިޒާމަށް ބެލި ކަމުގައި ވިޔަސް، ސޭވިން އެބަހުރި ކަމަށެވެ. ނަމަވެސް ފަންޑުތަކާއި ސޭވިންގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

އެއާއެކު، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ކޮވިޑް-19 ގެ ކަންކަން މެނޭޖްކޮށްފައި ވާނީ ރައްޔިތުންގެ އަތުން އެއްވެސް ފައިސާ އެއް ހަރަދުނުވާނެ ފަދަ ގޮތަކަށެވެ.

"ސަރުކާރުން އަޅުގަނޑުމެން އިންކަމް ސަޕޯޓް އެލަވަންސް ވެސް ދިނީ، ސަރުކާރުން އަޅުގަނޑުމެން ފިއުލް، އިލެކްޓްރިސިޓީ، ވޯޓާ ޑިސްކައުންޓް ވެސް ދިނީ، މާލެ އަދި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޑިސްކައުންޓް ވެސް ދިނީ، ވިޔަފާރިތަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް، އިންޑިވިޖުއަލްސް އަށް އެސްޑީއެފްސީ މެދުވެރިކޮށާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށާ އެކި ގޮތްގޮތަށް ލޯނު ހޯދައިގެން ސަރުކާރަށް އަޅުގަނޑުމެން ލޯނު ދީފަ އެ ކަންތައްތައް ކުރީ."
އިބްރާހީމް އަމީރު | ފިނޭންސް މިނިސްޓަރު

ރަޝިއާ ޔޫކްރައިންގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ވެސް އެކަމުގެ އަސަރުކޮށްފައިވާއިރު، އެކަމަށް އަލި އަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ، ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ވެސް ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އާންމުންނާއި ސަރުކާރުގެ އަތުން ކުރާ ހަރަދުތައް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވިޔަސް ވެސް ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާ ކަމަށާއި، ސަރުކާރުން ފިޔަވަޅު ނާޅާ ނަމަ އިގްތިސޯދު ކުރިއަރައިގެން ނުދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.