ޗައިނާގައި ބިނާ ކުރަމުންދާ ގެތަކަށް ދައްކަން ޖެހޭ ފައިސާގެ އަގުގެ ގޮތުގައި، ދަނޑުބިންތަކުން އުފައްދާ ކާބޯތަކެތިވެސް ބަލައިގަންނަމުން ދާނެ ކަމަށް، ޗައިނާގައި ގެދޮރު ބިނާ ކުރުމުގެ އުމްރާނީ މަސައްކަތުގައި ހަރަކާތްތެރިވާ ޑިވަލޮޕަރުން ބުނެފިއެވެ.

ގެދޮރު އެޅުމުގެ އުމްރާނީ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ކަސްޓަމަރުން ހޯދުމަށް، އާންމު ކޮށްފައިވާ އިޝްތިހާރު ޑީލްތަކުގައި ބުނެފައި ވާ ގޮތުގައި، އާ ގެތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ދަނޑުބިންތަކުން އުފައްދާ ކާބޯތަކެތި ބަލައިގަންނަ ކަމަށެވެ.

ޗައިނާގައި އުމްރާނީ ގޮތުން ތަރައްގީ ކޮށްފައިވާ ގެދޮރު ވިއްކުމުގެ ވިޔަފާރި، މި ފަހަކަށް އައިސް ވަނީ ހީނަރުވެފައެވެ. އެ ވިޔަފާރި ހީނަރުވަމުން ދާތާ، ވިދިވިދިގެން މިއީ 11 ވަނަ މަހެވެ. ގެދޮރު ތަރައްގީ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޑިވަލޮޕަރުން، ދަރަނިވެރިވެ، މި ހަފުތާގައި ޑިފޯލްޓްވެފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ގެދޮރު ބިނާ ކުރުމުގެ އުމްރާނީ މަސައްކަތުގައި ހަރަކާތްތެރިވާ ވޫޝީ ކުންފުނިން ހުސްވި ހަފުތާގައި ބުނީ، އެ ކުންފުނިން ވިއްކާ ގެތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި، 188888 ޗައިނީޒް ޔުއާންއަށް ވާ ޕީޗް މޭވާ ބޭނުން ކުރެވިދާނެ ކަމަށެވެ. އޭގެ އަގު، ގާތްގަނޑަކަށް 28218 ޑޮލަރަށް އަރާނެއެވެ.

އެހެން ޑިވަލޮޕަރަކު ވަނީ، ޑައުން ޕޭމަންޓްގެ ގޮތުގައި 5000 ކިލޯގްރާމްގެ ކަރާ ބަލައިގަންނާނެ ކަމަށްވެސް ބުނެފައެވެ.

ނަމަވެސް، އެ ކެމްޕޭން ހުއްޓާލުމަށް ކަމާބެހޭ ފަރާތުން އަންގާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދަނޑުބިންތަކުގެ އުފެއްދުންތަކުން ގެދޮރު ގަތުމުގެ ފުރުސަތު، ޗައިނާގެ ޑިވަލޮޕަރުން ހުޅުވާލާފައި ވަނީ، އެންމެ ދަށްވެގެން ގެދޮރު ވިއްކޭ ލިމިޓަށް ވުރެވެސް ހެޔޮކޮށް ގެތައް ވިއްކާލުމުގެ މަގުސަދުގައެވެ.