އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ތެރޭގައި ތަކުލީފުތަކެއް އުފުލަމުންދާ ޕާކިސްތާނުގެ ކުރި މަގު، ގުޅި، ލާ މެހިފައި ވަނީ ރަޝިއާއާއެކުގައި ކަމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މި ދަނޑިވަޅަކީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ރަޝިއާގެ ވިޔަފާރިތަކާއި މަހުޖަނުންނާ ދެކޮޅަށް، ހުޅަނގުގެ ބާރުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދާ ދަނޑިވަޅެއް ކަމަށް ވީ ނަމަވެސް، ޕާކިސްތާނުން ދަނީ ރަޝިއާއާއެކު ވިޔަފާރި ފުޅާ ކުރުމަށް ވިސްނަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ޖަރުމަނުވިލާތުގެ ބްރޯޑްކާސްޓަރެއް ކަމަށް ވާ ޑީޑަބްލިއުއާ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި އެފަދަ (ދަތިކުރުމުގެ) ރޫހެއް ހިޔާރު ކުރުމަކީ ރަނގަޅު ކަމެއް ކަމަށާ، ނަމަވެސް އެކަން ކުރުމުގެ އަގު އަދާ ކުރަން ޖެހޭނީ ރައްޔިތުން ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، ވަކި ބަޔަކު ކުށްވެރި ކުރުމަކީ ވަކި ފަރާތެއް އިހުތިޔާރު ކުރުން ކަމަށެވެ. އަދި ގައުމު ނުރައްކަލުގައި އޮތް އިރު، ވަކި ފަރާތެއް ހިޔާރު ކުރަން ވާނީ ފުދޭ ވަރަކަށް ވަރުގަދަ ވެގެން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް އެ ގައުމުގެ އަސްކަރިއްޔާއިން، ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރިއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށުމުގެ 1 ދުވަސް ކުރިން، އިމްރާން ވަނީ ރަޝިއާއަށް ވަޑައިގެންފައެވެ. ރަޝިއާއާއި ޕާކިސްތާނުގެ ބައްދަލުވުން އޮތީ ހަނގުރާމަ ފެށި ދުވަހުގެ ހެނދުނުއެވެ. އޭރު އެފަދަ ކަމެއް ވާން އުޅޭ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެ ފަދަ ކަމެއްގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ނަމަ، އެ ދަތުރު ނުކުރެއްވީސްކަމަށް ވެސް އިމްރާން ވަނީ ޖަރުމަނު މީޑިއާއަށް ވިދާޅުވެފައެވެ.

ހުޅަނގުގެ ބޮޑެތި ބާރުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ އިރު، ރަޝިއާއިން ދަނީ އެ ގައުމާއެކު ވިޔަފާރި ކުރާ ފަރާތްތަކަށް، ހެޔޮ އަގުގައި ތެޔޮ ވިއްކަމުންނެވެ.