ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް ހުއްޓުވުމަށް ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން ހިމެނޭ އެޑިޓާސް ގިލްޑާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ އެކު ހާއްސަ މަސައްކަތްތަކެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައި ވާތީ، އެ ކައުންސިލާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނާއި މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މާއްދާގައި މިހާރު ހިމަނާފައިވާ ގޮތުން ނަމަ، ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.
އެ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުން އިސްނަގައިގެން އެޑިޓާސް ގިލްޑް އަދި އެމްޖޭއޭއާއެކު އިއްޔެ ރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ ހެއްކާ ބެހޭ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ހަނިވާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން އެ ބިލް ތަސްދީގު ކުރުވުން ހުއްޓުވުމަށް ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް އެކަމަށް އެދުމަށާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ ސަމާލުކަމަށް އެ ކަން ގެންނަން ވެސް އެ ތިން އިދާރާ އިން ވަނީ އެއްބަސްވެފައެވެ. އަދި ހެއްކާ ބެހޭ ބިލް ހުއްޓުވަން ސްޓްރެޓީޖިކްކޮށް، ގުޅިގެން، ސިލްސިލާކޮށް ކުރެވެން ހުރި ކަންކަން ރޭވުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްސީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެދިފައި ވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމަށެވެ.
މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެއެވެ.