މިނީ ބަސް ފަށަން 4 މަގެއްގައި ހުރި ހުރިހާ ޕާކިން ޒޯނެއް ހުސްކުރަން ސަރުކާރުން ހުށަހަޅާފައިވާކަން ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއަދު ސިޓީ ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުން އެކަމަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި އެ ކައުންސިލުގެ މޭންޑޭޓުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.
ނަރީޝް ވިދާޅުވީ ތަކުރާރުކޮށް ތަފާތު އެތައް ފަހަރެއްގެ މަތިން މިނީ ބަހުގެ ހިދުމަތާ ގުޅޭ ގޮތުން އެމްޓީސީސީއާއި ސަރުކާރާ މަޝްވަރާކުރަން ބައްދަލުކުރި ކަމަށާއި ސަރުކާރުން އެދެނީ މާލޭގެ މަގުތަކުގެ ތެރެއިން މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގު އަދި އޯކިޑު މަގުގައި ހުރި ހުރިހާ ޕާކިން ޒޯނުތަކެއް ނަގައިދިނުމަށް ކަމަށެވެ.
ޕާކުކުރެވޭނެ ގޮތް ނުދައްކައި އެ މަގުތަކުގައި ހުރި ޕާކިންތައް ނުނެގޭނެ ކަމަށާއި މިއިން އެއްވެސް މަގެއްގައި ޕާކިން ހަދާނެ ހުސް ޖާގައެއް މިހާރު ނެތް ކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ސިޓީ ކައުންސިލުގެ ބާރުތައް ފަހަރަކު ކަމަކަށްފަހު ކަމެއް ނަގައި ހުރިހާ ބާރުތަކެއް ސަރުކާރަށް ނެގުމަށް ކަމަށް ނަރީޝް ވިދާޅުވިއެވެ.
ޕާކިންގޒޯން ދައްކާކަށް ނުޖެހޭ. ކޮންމެ ގެއެއްގެ ތިރީގަ ޕާރކިންޒޯން ހަދަން ލާޒިމް ކުރީމަނިމުނީ. ނޫނިއްޔާ ޕާރކިންޒޯން ހުރިސަރަހައްދުގަ ޕާރކްކޮއްފަ ގެޔަށްއައީމަ ނިމުނީ. މުއްސަދިން އަތުގަ ތިންހަތަރު ވެހިކަލް އޮވޭ، ހުރިހާވެހިކަލް އެއް މަގުމަތީޕާކްކޮއްލާފަ ގޭގެ ތިރި ބޮޑުކުލީގަ ފިހާރަހަދަން ދީފަހުންނަނީ. މިކަމަށް ހައްލެއްގެނައީމަ ނިމުނީ.