މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 17 އަހަރުގެ އަހުމަދު އުދައްޔުގެ ހިތުގެ މައި ލޭ ހޮޅި ކަނޑައިގެން ގޮސް ފުއްޕާމެއަށް ގިނަ އަދަދެއްގެ ލޭ ވަނީ އެޅިފައިވާ ކަމަށް ހެކިވެރިއަކު ބުނެފިއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޕޯސްޓް މޯޓަމް ރިޕޯޓާއި ގުޅިގެން ހެކިބަސް ނަގާފައެވެ.
އުދައްޔުގެ ހަށިގަނޑުން ފެންނާން ހުރި ޒަހަމްތަކުގެ ތަފްސީލުތައް ޝަރީއަތާއި ހިއްސާކުރަމުން ހެކިވެރިޔާ ވަނީ ފުރާނައަށް ނުރައްކާވާ ގޮތަށް ހުރި އެންމެ ބޮޑު ޒަހަމަކީ ހަށިގަނޑުގެ ފުރަގަހުން މެޔާއި ދިމާއަށް ލިބިފައިވާ ޒަހަމް ކަމަށާއި އޭގެ ސަބަބުން ހިތުގެ މައިނާރުގެ ތިރިން އޮންނަ މައި ލޭހޮޅި ވަނީ ކަނޑައިގެން ގޮސްފައިވާއިރު އޭނާގެ ފުއްޕާމެއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވާ ކަމަށް ބުނެފައެވެ.
އުދައްޔު މަރާލުމުގައި ގިނަ ނުރައްކާތެރި ހަތިޔާރުތަކެއް ބޭނުންކޮށްފައިވާއިރު ބޮލުގައި ތޫނު ނޫން އެއްޗަކުން ޖެހުމުގެ ސަބަބުން ބޮލަށް ގެއްލުންވެފައިވާ ކަމަށާއި އެ އަނިޔާގެ ސަބަބުން ކަންފަތާ ދިމާލުން ބޮލުގެ ވާއަތް ފަޅީގެ އަރިމަތީ އިންނަ މަސްގަނޑަށް ލޭ ޖަމާވެ ލޭ ގަނޑުވެފައިވާ ކަމަށްވެސް ހެކިވެރިޔާ ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ ޑީއެންއޭ ރިޕޯޓްތައް ތައްޔާރު ކުރި އޮފިސަރުގެ ހެކިބަސް ނަގާފައެވެ. އެ ހެކިވެރިޔާ ވަނީ އުދައްޔު ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ލެއިން ފެނުނީ ހަމައެކަނި އޭނާގެ ލޭ ކަމަށާއި ދައުވާ ރައްދުވާ މީހުން ލައިގެން ހުރި ހެދުމުގައި ހޭކިފައިވާ ލެއިން އުދައްޔުގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށް ބުނެފައެވެ.
އުދައްޔުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އާއި މީހަކަށް ހާނީއްކަވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފާ ވަނީ ގދ. މާމެންދޫ ރިހިފަރުދާގެ އަހުމަދު ޝަމީމަށާއި ހަމަ އެރަށު ބިލަތްމާގެ ޝަރަފް ރަޝީދު އަދު އެ ރަށު ގުލްފާމުގެ މުހައްމަދު މާޒިންގެ މައްޗަށެވެ. އަދި އެ ތިން މީހުންގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއްގެ މައްޗަށްވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.