އިނގިރޭސި އަސްކަރިއްޔާގެ ޓްވިޓާ އަދި ޔޫޓިއުބް އެކައުންޓް ހެކް ކޮށްފައި ވާ ކަމަށާ، މިހާރު އެ ހާދިސާގެ ތަހުގީގެއް ފަށާފައި ވާ ކަމަށް، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހާމަ ކޮށްފިއެވެ.

ބިލިއަނަރު އީލޯން މަސްކުގެ މަންޒަރުތަކެއް ބޭނުން ކޮށްގެން ކްރިޕްޓޯކަރަންސީއާ ގުޅޭ ވިޑިއޯޓަކެއް ޔޫޓިއުބް ޗެނަލުން ފެނިގެން ދިޔައިރު، ކުރެހުމުގެ ރޮނގުގައި މަސައްކަތްތެރިކަމުގެ އަސްލުވަންތަކަން ދެމެހެއްޓުމަށް ބޭނުން ކުރާ ޒަމާނީ ސިއްކައެއް ކަމަށްވާ އެންއެފްޓީއާ ގުޅޭ ޕޯސްޓްތަކެއް ރީޓްވީޓް ކޮށްފައި ވާތީ ޓްވިޓާ ފީޑްގައި ފެންނަން ހުއްޓެވެ.

އަސްކަރިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ސަލާމަތްތެރިކަން ފޫ އަޅުވާލާފައި ވާ ކަމަށް އިނގިރޭސި އަސްކަރިއްޔާއިން ވަނީ އިއުތިރާފުވެފައެވެ. އަދި މައުލޫމާތުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަކީ އެ އިދާރާއިން އިންތިހާ ސީރިއަސް ކަމާއެކު ރިއާޔަތް ކުރާ ކަމެއް ކަމަށާ، މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އިނގިރޭސި އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 2 އެކައުންޓްގެ ކޮންޓްރޯލްވެސް މިހާރު އޮތީ އިނގިރޭސި އަސްކަރިއްޔާގެ އަތުގައެވެ.

އެކައުންޓްގެ މައްސަލަ ހައްލު ކުރި ނަމަވެސް، މިވަގުތު ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލު ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އިނގިރޭސި އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ހެކް ކުރުމަށް ފަހު 2 އެކައުންޓްގެ ނަންވެސް ބަދަލު ކުރި މަންޒަރު ފެނިގެން ދިޔަ އިރު، އެއީ ކޮން ބަޔަކު ނުވަތަ ކާކު ކުރި ކަމެއް ކަން އަދި ސާފެއް ނުވެއެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންޒަވޭޓިވް މެންބަރު އަދި ޑިފެންސް ސިލެކްޓް ކޮމިޓީގެ މެންބަރު، އެމްޕީ ޓޯބިއާސް އެލްވުޑް ވަނީ، ތަހުގީގީ ރިޕޯޓް، އެންމެ އެކަށީގެންވާ ގޮތެއްގައި ހިއްސާ ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބިޓްކޮއިން ސްކޭމެއްގައި، ޖުލައި 2020 ގައި އެމެރިކާގެ ވަރުގަދަ އެކައުންޓްތަކަކަށް ހެކަރުންގެ ހަމަލާ އަމާޒުވި މަންޒަރު ވަނީ ފެނިފައެވެ. އެފަހަރުގެ ހަމަލާގެ ޝިކާރައަކަށްވި ފަރާތްތަކުގެ ތެރޭގައި މަހުޖަނު އީލޯން މަސްކު، ޖެފް ބޭޒޯސް، ކުރީގެ ރައީސް ބަރާކް އޮބާމާ، މިހާރުގެ ރައީސް ޖޯ ބައިޑަން އަދި ލަވަކިއުންތެރިޔާ ކާންޏޭ ވެސްޓް ހިމެނެއެވެ.