އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި ނުބައި އިންޖެކްޝަން ޖެހި މީހަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ފޭދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު ޖަހަން އިރުޝާދު ދެއްވި އިންޖެކްޝަން ނޫން އެހެން އިންޖެކްޝަަނެއް ބަލިމީހާ ޖަޔަށް ޖެހިފައިވާ ކަމަށެވެ.

އެ ބަލި މީހާގެ ހާލު ގާތުން ބެލުމަށް އެ ހޮސްޕިޓަލަށް ގެންގޮސް އެނދުމަތިކޮށްފައިވާ ކަމަށާއި ބަލިމީހާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ އެ ހާދިސާ މިހާރު ދަނީ ބަލަމުން ކަމަށާއި އެ ހާދިސާގެ މައުލޫމާތު ނާސިން ކައުންސިލާވެސް ވަނީ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުން އިންޖެކްޝަން ޖެހުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ސުވާލުތަކެއް ނުކުރުމުގެ ސަބަބުން 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަން ވެސް ވަނީ ނިޔާވެފައެވެ.