ބޮޑު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ބުނއެވެ.
އެމްއެންޑީއެފުން ބުނީ، ޖޫން 30 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާއިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައިގާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން ޢީދުބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި އޮޕަރޭޝަން ހިންގަމުންދާ ކަމަށެވެ.
މިގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑު ސްކޮޑްރަން އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯތު ސްކޮޑްރަންއިން، އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދު ފަހަރުތައް ޗެކްކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަން، ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި މިގޮތުން އީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން މި އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.