ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަ ވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރުފަހު 2 އަށް ނެރުނު ރީނދޫ ސަމާލުގައި މެޓުން ބުނީ:
- ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް
- 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް
- ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް
ރާއްޖެ އަށް މިހާރު ކުރާ މޫސުމީ ވިއްސާރައިގެ ސަބަބުން، މޫސުން ގޯސްވެ، ދެކުނުގެ ބައެއް ރަށްރަށަށް އިއްޔެ އުދަ އަރާފައިވާއިރު، ބައެއް ރަށްރަށަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެގޮތުން، އުދައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކަށާއި، އައްޑޫ ސިޓީގެ އަވަށްތަކަށެވެ.
އިއްޔެ އެރި އުދައިގައި ތ. މަޑިފުށީގެ 60 ގެއަކަށް ލޮނު ވަދެފައިވާއިރު، އެ އަތޮޅުގެ ގާދިއްފުށީގެ 35 ގެއަކަށް ވަނީ ލޮނު ވަދެފައެވެ. އަދި ދިޔަމިގިއްޔާއި، ވޭމަންޑުއާއި، އޮމަދޫގެ އިތުރުން ކިނބިދޫގެ ގެތަކަށް ލޮނު ވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ގދ. އަތޮޅުގެ މަޑަވެލީގެ 98 ޕަސެންޓު ގެއަށް ފެންވަދެފައިވާއިރު، އެ އަތޮޅުގެ ރަތަފަންދޫގެ 40 ގެއަކަށް އެކި ވަރުގެ ގެއްލުންވި ކަމަށް، އެ ރަށު ކައުންސިލުން ބުނެފައިވެއެވެ
ހަމަ އެއާއެކު، އައްޑޫގެ މަރަދޫ އަވަށުގެ 50 ގެއަކަށް ލޮނު ވަދެފައިވާއިރު، މަރަދޫފޭދޫ އަވަށުގެ 30 އަކަށް ގެއަށް ލޮނު ވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
އުދަ އެރުމާ ގުޅިގެން، އެމްއެންޑީއެފްގެ ދެކުނު އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އައްޑޫގެ ރައްޔިތުންނަށް އެހީތެރިވެދީ، އެ ރަށްރަށުގެ ހާލަު ގާތުން ބަލައި، މޮނިޓާކުރަން ފަށައިފައެވެ.
މެޓުން އިއްޔެ ބުނީ، ރަށްރަށަށް އުދަ އަރަނީ މޫސުމީ ވިއްސާރައާ ގުޅިގެން ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ތޫފާނެއްގެ އަދި ކޮޅިގަނޑެއްގެ އަސަރެއް ވެސް ނެތް ކަމަށެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އާއި އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.